ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ދަށު ކޯޓުގައި ކުރިއަށްގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

އާޒިމާގެ މައްޗަށް އުފުލި މަނީ ލޯންޑަރުކުރުމާ ގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރިއެވެ.

މި މައްސަލައިގައި އެންމެ ފަހުން ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ އިސްތިއުނާފާއި ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކަވާފައެވެ. އަދި އަޑުއެހުންތައް ނިންމާލައްވަމުން ފަނޑިޔާރުން ވިދާޅުވެފައިވަނީ އިތުރު ކަމެއް ސާފުކުރައްވަން ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބާއްވަވާ އަޑުއެހުން ކަމަށެވެ.

މި ބާވަތުގެ މައްސަލަތައް އިސްތިއުނާފު ނުކުރެވޭނެކަމަށް ބަޔާންކޮށް ދައުލަތުން ހުށައެޅި އިއުތިރާޒަށްވެސް ގޮތެއް ނިންމަވާނެކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އިއުތިރާޒުގައި މައިގަނޑު ގޮތެއްގައި ދައުލަތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު، އިސްތިއުނާފު ކުރެވޭނީ ކޮން ބާވަތެއްގެ ނިންމުމެއްކަން ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މާއްދާގައި ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނާ ގޮތުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެތޯ ނިންމާ ނިންމުމަކީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމެއްގެ ގޮތުގައި ނިންމާ ނިންމުމެއް ނޫނެވެ.

ދައުލަތުން ބުނެފައިވަނީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެކަމަށް ނިންމާ ހުރިހާ ނިންމުމެއް ދިފާއުން މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފު ކުރެވޭނަމަ، ކޮންމެ މައްސަލައެއް ނިމިގެންދާނީ ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުގެ މަރުޙަލާއިން ކަމަށެވެ. އެހިސާބުން މައްސަލަ ފުނިޖެހި މަތީ މަރުޙަލާގެ ކޯޓުތަކަށް "ފްލަޑް ގޭޓް" އެއް ހުޅުވިގެންދާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ އެ ބުނުމަށް ރައްދު ދެއްވަމުން އާޒިމާގެ ވަކީލު ވިދާޅުވެފައިވާ ގޮތުގައި، ޝަރީއަތުގެ މަރުޙަލާ 5 ބަޔަކަށް ބެހެއެވެ. އެއީ ތަހުޤީޤީ މަރުޙަލާއާއި، ދައުވާކުރުމުގެ މަރުޙަލާއާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާއާއި، ޝަރީއަތުގެ މަރުޙަލާގެ އިތުރުން، ޝަރީއަތުގެ ފަހުގެ މަރުޙަލާއެވެ.

އޭގެ ތެރެއިން ޝަރީއަތުގެ ކުރީގެ މަރުޙަލާ 2 ބަޔަކަށް ބެހޭކަމަށް އާޒިމާގެ ވަކީލު ވިދާޅުވިއެވެ. އެއީ އިބްތިދާއީ މަރުޙަލާއާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި އެ ބަޔާންކުރާ މަރުޙަލާ މާނަކުރަނީ އެ ދެބައިވެސް ހިމަނައިގެންކަމަށް އާޒިމާގެ ވަކީލުން ދެކިލައްވައެވެ.

އެކަމާއި ގުޅޭގޮތުން ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވާ ގޮތުގައި، ކޯޓުން ކުރާ ޙުކުމެއް އިސްތިއުނާފު ކުރުމަކީ އަސާސީ ޙައްޤެއް ނަމަވެސް، ޖިނާއީ ކޮންމެ މައްސަލައެއްގައި ނިންމާ ނިންމުމެއް އިސްތިއުނާފު ކުރެވޭނެކަމަށް ޤާނޫނުން ހުޅުވައިދީފައިވާ ދޮރު ބަންދު ކޮށްދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އިސްލާޙެއްގެ ދަށުންނެވެ.

އެ އިސްލާޙުގެ ދަށުން ބަލާއިރު، ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އިސްލާޙާއި، އޭގެ ފަހުން ހެދިފައިވާ ޤަވާއިދުތަކާއި، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެކުގައި ކިޔާލާއިރު، ފަހުމުވެގެންދާ ކަމަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުމަކީ އިސްތިއުނާފު ކުރެވޭ ބާވަތުގެ ނިންމުމެއްކަމަށް ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވިއެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަހީދުވެސް ވަނީ އެ ރައުޔަށް ތާއީދު ކުރައްވާފައެވެ. އެހެންނަމަވެސް މި ރައުޔާމެދު ފަނޑިޔާރު ޙަސަން ޝަފީއު ދެކިލައްވާ ގޮތް ތަފާތެވެ.

ފަނޑިޔާރު ޙަސަން ޝަފީއު ދެކިލައްވާ ގޮތުގައި ކޯޓުން ނިންމާ ކޮންމެ ނިންމުމެއް އިސްތިއުނާފު ކުރުމަކީ އަސާސީ ޙައްޤެއް ނޫނެވެ. ކޮންމެ ނިންމުމެއް އިސްތިއުނާފު ކުރެވޭނަމަ، އެ ނިންމުންތައް އެކި މަރުޙަލާތަކަށް ދެމިގެން ގޮސް، މައުޟޫއީ މައްސަލައަށް ގޮތެއް ނިންމުން ލަސްވެ، އިންސާފު ލިބުން ލަސްވުމާއި ބޭއިންސާފަށް މަގުފަހިވެދާނެކަމަށް ފަނޑިޔާރު ދެކިލައްވައެވެ.

ދެން ކުރިއަށް ގެންދިޔައީ މި މައްސަލައިގެ އިސްތިއުނާފާއި ގުޅޭގޮތުން ގޮތެއް ނިންމުމެވެ. އެގޮތުން ފަނޑިޔާރުންގެ އަޢުލަބިއްޔަތުން ނިންމާފައިވަނީ މިއީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.