އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒް އިސްމާއިލާއި ވާދަކުރާ "ތިލަފަތުގެ ރަމްޒު"ގެ ޓީމުން މަސައްކަތް ކުރަނީ 2023 އާއި ދުރަށް ކަމުގައި އައްޑޫ ސީޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވީ "ހިންގާލަން" ކެމްޕެއިން ޓީމުން ރޭ އައްޑޫ ސިޓީގައި ބޭއްވި ތަރާވީހެއްގައި ވާހަކަ ދައްކަވަމުންނެވެ. އަލީ ނިޒާރު ވިދާޅުވީ އެމްޑީޕީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް އޮވެ މަސައްކަތް ކުރަންޖެހޭނީ ވެރިކަމުގައި އޮތުމަށް ކަމަށެވެ. ވެރިކަމާއި ދުރަށް ކުރެވޭ މަސައްކަތަކީ އެމްޑީޕީގެ މަޤްސަދާއި ޚިލާފް ކަމެއްކަމަށެވެ. މިއަދު މިއިންތިޚާބުގައި އިންތިގެ ޓީމުން ފެނިގެންދަނީ 2023 ވަނަ އަހަރުގެ އިންތިޚާބާއި ދުރަށް މަސައްކަތް ކުރާތަން ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

"ދެފަޅިން މަސައްކަތް ކުރާއިރު، އެއްފަޅިން މަސައްކަތް ކުރަނީ 2023 އާއި ދުރަށް. މިވާހަކަ ދައްކަންޖެހޭ. ބައެއް ބޭފުޅުންނަށް މިވާހަކަ ދައްކަން ބޭނުން ނުވަނީ، ނޫންނަމަ ނުކެރެނީ. އެފަޅިން މަސައްކަތް ކުރަނީ 2023 އާއި ދުރަށް. ނޭނގޭ އެމީހުންގެ އެޖެންޑާއަކީ ކޮބައި ކަމެއް. އެޖެންޑާ އޮތީ ކޮންކަމަކަށް ކަމެއް އަޅުގަނޑުމެންނަށް ނޭނގޭ. އަޅުގަނޑުމެން އެކަމާއިމެދު ޝައްކެއް ނުކުރަން. ހަަމަ 2023 އާއި ދުރަށް މަސައްކަތް ކުރަނީ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީންނާއި ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ހިންގޭނެ ގޮތް ހަދައި ދީފައިވަނީ ހަރުދަނާ ސިޔާސަތުތަކާއިއެކު ހެޔޮ ވެރިކަމެއް ކޮށް ދިނުމަށްކަމަށެވެ. އެކަން ނުކުރެވޭނަމަ ޕާޓީގެ މަޤްސަދާއިވެސް ޚިލާފްވާނެކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

"އެގޮތަށް މަސައްކަތް ކުރުމުން ކޮބައި މިޕާޓީގެ ބޭނުމަކީ. އެމްޑީޕީގެ ބޭނުމަކީ ކޮބާ؟ ކީތް ކުރަން އަޅުގަނޑުމެން މި ކުލަ ހިފައިގެން ވައުދު ވަމުން، މެނިފެސްޓޯ ހިފައިގެން މިދުވަނީ. ވެރިކަމާއި ދުރަށް ކުރާ މަސައްކަތުން. ޕަޓީގެ މަޤްސަދަކީ ދައުލަތުން ޕާޓީއަށް ޚަރަދު ކުރަނީ ސިޔާސަތު ކަނޑައަޅައިގެން ރައްޔިތުންނަށް ވެރިކަން ކޮށްދޭން. އެކަމުގެ އަޅުގަނޑުމެން އެއާއި ދުރަށް މަސައްކަތް ކުރާނަމަ ނުވަތަ ނުކިއްސަތު ގޮތަކަށް މަސައްކަތް ކުރާނަމަ އެއީކީ އެކަން ވާނެ ގޮތެއް ނޫން." އޭނާ ވިދާޅުވިއެވެ.

އަލީ ނިޒާޒު ވިދާޅުވީ މިނިސްޓަރ ފައްޔާޒް އިސްމާއިލަކީ އިސްލާހަށް ގިނަ މަސައްކަތްތަކެއް ކުރެއްވި، ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ފަސްޖެހޭ މީހެއް ނޫންކަމަށެވެ. ކަންކަން ކުރުމުގައި އަބަދުވެސް ފަސް ޖެހުމެއްނެތި ކުރަންޖެހޭ ކަމެއް ކުރުމުގެ ގާބިލް ކަމާއި، ތައުލީމާއި ހުނަރުވެސް ފައްޔާޟުގެ ކިބާގައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއިންތިޚާބަކީ އެމްޑީޕީ ހިންގާލަން ލިބޭ ފުރުސަތަކަށް ވާއިރު މިފުސަތުގެ ބޭނުން ހެޔޮ ގޮތުގައި ކުރުމަށް އަލީ ނިޒާރު ވަނީ ގޮވާލާފައެވެ.