"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ރިޔާސީ ގަރާރު ބާތިލްކޮށްދިނުމަށް އެދި އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށާއި ގަރާރަކުން ހަރަކާތް ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހާމަކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެއާއި ޕީޕީއެމްގެ އޮފީހާއި އަދިވެސް އެހެން ތަންތަނުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން މިއަދު ވަނީ ނަގާފައެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ނިންމާ ރައީސް ސޯލިހް ވަނީ އެ ހަރަކާތް ހުއްޓުވާ، އެކަމުގައި އުޅުއްވާ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ ކޯލިޝަނުން ދެން އެންމެ އަވަހަށް ކުރާނެ މަސައްކަތަކީ ގަރާރު ބާތިލްކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން ކަމަށެވެ.

މިގޮތުން އެމައްސަލަ ހިފައިގެން އިދިކޮޅުން ކޯޓަށްދާނެކަން ހާމަ ކުރައްވާ އަދުރޭ ވިދާޅުވީ ފުލުހުން މިއަދު އަމަލުކޮށްފައިވަނީ ގެނައި ކޯޓު އަމުރާ ވެސް ހިލާފަށް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ކުރި އަމުރުގައި އޮތީ ބަލާ ފާސްކުރުމަށް ކަމަށާއި ބެނާތައް ނެގުމުގެ ވާހަކަ އަމުރުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިއަދު ފަތިސް ނަމާދު ވަގުތުގައި ކްރިމިނަލް ކޯޓުން ދިން އަމުރުގެ ދަށުން ބަލާ ފާސްކޮށް އެ ތަނެއްގައި ހުރި ބައެއް ކަހަލަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ބާރު ވަނީ ފުލުހުންނަށް ދީފައެވެ.

ގަރާރަށް ހަވާލާދެއްވަމުން އަދުރޭ ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި އަމަންއަމާކަން ނަގާލަމުން އަންނަނީ އިދިކޮޅުން ނޫން ކަމަށާއި އެކަން ކުރަމުން އަންނަނީ އިންޑިއާ އިން ކަމަށެވެ.

"އެ ބެނާތައް ނެގުމަކުން، ރައީސް ގަރާރެއް ނެރުމަކުން އިންޑިއާ އައުޓް ހަރަކާތެއް ނުހުއްޓޭނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ގޮތްގޮތަށް ބެނާތައް އަދިވެސް ދަމާނަން،" އޭނާ ވިދާޅުވިއެވެ.

މި ހަރަކާތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށާއި އަދިވެސް އިތުރު މިފަދަ ބެނާތައް މުޅި ރާއްޖޭގައި ދަމާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ބާރުގެ ބޭނުންކޮށްގެން އެއްވެސް ކަމެއް ނުހުއްޓުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޯޓް

    ކަލޭގެ ތިހަޑިހުތުރު އަނގަފުޅާކޮށް ދައުލަތަށް ގޮންޖަހާފަ މާއަމީތާބު ހެދެންނޫލޭ. ނިކަން ފިރުއައުނުގެވާހަކަ ކިޔާބަލަ ކެރެންޏާ. ޙީވަނީ އެސޮރަށްވީވަރަށްވުރެ ނުބައިގޮތެއް މިކަލޭގެއަށް ވެދާނެހެން.

  2. ޙައްގުބަސް

    ދިޔަރެސްއިން ރައީސް އޮފީހުގެ މުވައްޒަފަކާ ޙަވާލާދީ ހާމަކޮށްފައިވާގިތުގައި އިއްޔެގެ ވަގުތެއްގައި މިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނަރު ރައިސް ސޯލިޙަށް ގުޅާ ވަރަށް ހަރުކަށިކޮށް އަމިރުކޮށްފައިވަނީ 12 ގަޑިއިރުތެރޭ ދަމާފައިވާ އިންޑިޔާއައުޓް ބެނާތައް ނަގަން!! ރައިސް ސޯލިޙް އެކަންކުރެވޭނީ ގާނޫނީ އިމުގެތެރެއިންކަމަށް ވިދާޅުވުނުން ހައިކޮމިޝަނަރު ބުނީ ނެގުނުގޮތަކަށް ނަގަށޭ!! ދެން ރޭފަތިހު ފަތިސްނަމާދަށް ބަންގިގޮވި ވަގުތު ކޯޓް ހުޅުވައިގެން އަމުރު ނެރެ ދީފައިވާ 12 ގަޑިއިރުގެ މުހުލަތު ހަމަވުމުގެކުރިން ބެނާތައް މިނާގާބިލް ސަރުކާރުން އެނެގީ އަދި ގަރާރުވެސް ނެރުނީ!! މިގައުމުގެ މުއައްސަސާތަކުންނާ މިގައުމަށް ހެޔޮއެދޭ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ!! މިހާރު މިގައުމު މިއޮތީ މިނާގާބިލް ސަރުކާރާއެކު އިންޑިޔާގެ އަޅުވެތިކަމުގައި!! ކޮންސަފީރެއް؟ އޭނާއެއީ ކާކު؟ އެކަމަކު މިގައުމުގެ ވެރިކަންކުރަން މިތިބަ ގަމާރުން މިވަނީ މިގައުމުގެ ހައިބަތު ކަނޑުވާލާފަ!! މިސަރުކާރަށް ބިރުދައްކައިގެން ސިޔާސީ މީހުންނަށް ފައިސާ ބަހައިގެން އިންޑިޔާއިން މިގެންދަނީ އެމީހުން ބޭނުންވާ ގޮތްގޮތަށް އަދި މިރާއްޖެއަށް ގެއްލުންވާގޮތަށް އެތައް އެއްބަސްވުންތަކެއް ހަދަމުން!! އަދި އެއެގްރިމަންޓްތަށް ހާމަނުކުރަން އިންޑިޔާއިން ދަނީ މިބީދައިގެން މިގޮނޑި ކޮށްކޮ ސަރުކާރަށް ބިރުވެސް ދައްކަމުން!! ހިތާމަހުރި!!

  3. ބޮލުގާ ރިއްސާ

    ޔާމީން ޖަލުން ސަލާމަތްވުމަށްފަހި ހަތިޔާރަކަށް ބޭނުން ކުރަނީ "އިންޑިއާ އައުޓް" ... ހިތަށް އަރަނީ އަސްލުވެސް "އިންޑިޔާ އައުޓް" ހަތިޔާރަކަށް ޔާމީން ބޭނުން ނުކުރާނެނަމަ ދެން އޭނަޔަށްވެގެން ދާނީ ކިހިނެކުން ބާއޭ! ތާއީދު ހޯދާނެ އިތުރު އެއްވެސް ގޮތެއް ނޯންނާނެކަން ޔަގީން.. އަންނި ވެސް ހަމަ އެފަދަ.. އަންނި ވެސް އަތުގަ ޖެހުނު ހަތިޔާރެއްވީއާ ބޭނުންކުރޭ މީހުންގެ ތާއީދު ހޯދަން.. ބުރުމާވެސް... އުމަރުވެސް،.. ސޯލިހްވެސް،.... ޖަމީލުވެސް... މައްސަލައަކީ އިޚްލާސްތެރިކަމެއް ނެތުން.. ރައްޔަތުންނަށް އެގެންވާ އެއްޗަކީ "ޑިމޮކްރޮސީ އިޒެ އަންއިސްލާމިކް" މިއެވެ.

  4. ބޭބެ

    މާއްދާ ހަތާވީހަކީ ދިވެހި ރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ''ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން'' (މާއްދާ 27:އެ މާއްދާގެ މިނިވަން ކަމާއި އެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަންމެ މީހަކަށްމެ ލިބިގެންވެއެވެ.) ''ބަޔާން ކުރާ މާއްދާ!! ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން ހަނިކުރެވޭނެ، އަދި ހުއްޓުވޭނެ ކަންކަމެއް ނޫން!!

  5. އަފިރިން

    ފުރަތަމައިންވެސް " އިންޑިޔާ އައުޓް" ގެ ބަދަލު އިންޑިޔާ މިލްޓަރީ އައުޓް" ނަމުގައި ތި ހަރަކާތް ގެންދިއުން މާ ކާމިޔާބްވިސް. އިންޑިޔާ އައުޓޭ ބުނުމުން އިންޑިޔާ ކޮންމެ ރައްޔިތަކަށް އެނަން ނިސްބަތްވުމާއި، ނަސްލީ ތަފާތުކުރުން ތެރެއައް ތިނަން ވެއްދުމާއި، ކޯޓުންވެސް ތިކަން ހުއްޓުވަން ސަރުކާރުން ނެރެފައިވާ ގަރާރާ ދެކޮޅަން ހުކުމެއް ނެރެދާނެ ހެން ހީނުވޭ. ޢެކަމަކު އިނޑިޔާ މިލްޓަރީ އައުޓޭ ބުނުމުން އެނަން އިންޑިޔާގެ މިލްޓަރީ އަށް ހާއްސަވުމުން ތިފަދަ ގަރާރެއް ނުނެރެވުނީސް. ޢަދި ފެނޭ އިންޑިޔާ މިލްޓަރީ އައުޓް ބެނާއެއް ތިގޮތަށް ހަރުކޮއްލަން

  6. އަބއދ

    ތިފޮޓޯގަ ތިތިބި މީހުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާ ހިތާމަ. އެހެންނުން ވާނީ އަވަގުރާނަ ގޮވާ މީހެއްގެ ދަށުގައި "މަތީދަރަޖައިގެ" ބޭފުޅުން މިތިއްބަވަންޖެހެނީ...