ފުލެޓު ދޭނެ ކަމަށް ބުނެ އެތައް ބަޔަކަށް އޮޅުވާލި މައްސަލައިގައި ގިނަ ދައުވާތަކެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބެލުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އައްމަޓީ ޝަރުތުތަކަކާއެކު ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފައެވެ. އައްމަޓީ ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

ނަމަވެސް ހައި ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިމަހު ކުރީކޮޅު އެ މައްސަލަ ބޭރުކޮށްލީ އެ ބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަންޖެހޭ 48 ގަޑިއިރު ހަމަވެފައިވާ ކަމަށް ބުނެއެވެ.

ސީލައިފްގެ ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ސީލައިފްގެ ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)

ނަމަވެސް ދައުލަތުން ވަނީ 48 ގަޑިއިރު ހަމަނުވާ ކަމަށާއި އެ މައްސަލައިގައި ހައިކޯޓުން 48 ގަޑިއިރު ގުނާފައިވަނީ ނުބައިކޮށް ކަމަށް ބުނެފައެވެ. އެއަށް ފަހު ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލަ ބެލުމަށް ފަހުގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުން 48 ގަޑިއިރު ގުނާފައިވަނީ ރަނގަޅަށް ކަމަށާއި އަލުން އެ މައްސަލަ ބެލުމަށް ހައިކޯޓަށް އަމުރުކުރާ ކަމަށެވެ.