ރާއްޖޭގެ އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ ނަފުރަތުގެ ރަމްޒަކަށް ވިޔަ ދޭން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް، އެ މަގާމަށް ދެން ވާދަކުރައްވާ ވާދަވެރި ކެނޑިޑޭޓަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފިއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ ޗެއާޕާސަންގެ އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން ކުރައްވާ ދަތުރުގައި ހދ. ކުމުންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އިންތިހާބުގައި ދެން ވާދަކުރައްވާ ކެނޑިޑޭޓު އެމްޑީޕީ އަކީ ނަފުރަތުގެ ރަމްޒަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ފައްޔާޒު ނުސީދާކޮށް ރައްދު ދެއްވާފައި މިވަނީ ވާދަވެރި ކެންޑިޑޭޓް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އަށެވެ. ޗެެއާޕާސަން އިންތިހާބުގައި އިންތި ކެމްޕެއިން ކުރައްވަނީ "ތިލަފަތުގެ ރަމްޒު" މި ޝިއާރުގެ ދަށުންނެވެ.

އިންތިހާބުގެ ކެމްޕޭން ފެށުނީއްސުރެ އެމްޑީޕީގެ ތެރޭގައި ހުރި ރެނދުތައް އާންމުންނާއި ހަމައަށް ތިލަވެ، ޕާޓީ ވަނީ ވަރަށް ބޮޑަށް ދެކަފިވެފައެވެ. ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުންގެ މެދުގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ.

އެތެރޭގެ ކޯޅުމުގެ ފޯރީގައި ނަޝީދު ފެކްޝަންގެ މެންބަރުން އަންނަނީ ސަރުކާރާއި ސަރުކާރުގެ ތާއީދާއެކު ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ފައްޔާޒަށް ނިސްބަތްކޮށް ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.

އެގޮތުން ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާ ކަމުގެ ތުހުމަތާއި އެމްޑީޕީގެ މެންބަރުންނަށް ވަޒީފާގެ ބިރު ދައްކާ ކަމުގެ ތުހުމަތު ކުރެއެވެ. އަދި ނުފޫޒު ފޯރުވާ ނަހަމަ ބާރުގެ ބޭނުން ކުރާ ކަމުގެ ތުހުމަތުވެސް އޮވެއެވެ.

އެކަމަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ އެތެރޭގެ އިންތިހާބެއްގައި މި މިންވަރަށް ދޮގާއި އޮޅުވާލުން ކުރިއަށް ނެރޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެން ނޫން ކަމަށާއި ރީތި ތާހިރު ކެމްޕެއިނެއް ނުހިންގެނީ ކީއްވެގެންތޯވެސް ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ މި ޕާޓީއަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން މަސައްކަތް ކުރާތީ. ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެނެއް ނޫން. ހަމަ ވަރަށް ރީތިކޮށް ދެ ފަރާތުންވެސް ކެމްޕެއިން ކޮށްލަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބެއްގައި މޮޅުވާން ކުރަން ޖެހޭނެ މަސައްކަތަކީ އެ ބޭފުޅެއްގެ ތަސައްވުރު ރައްޔިތުންނަށް ހިއްސާ ކުރުން ކަމަށާއި އެ ބޭފުޅެއްގެ ގާބިލް ކަމާއި މަސައްކަތުގެެ ނަތީޖާއަށް އަދި ތަސައްވުރަށް ބެލުމަށް ފަހު އެމްޑީޕީގެ މެންބަރުންނަށް ފެންނަ އެންމެ ރަނގަޅު ގޮތް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއާއި ހިލާފަށް ޕާޓީގެ ކޮންމެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ނަފްރަތު އުފައްދަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ޗެއާޕާސަން އިންތިހާބުގެ ކަންކަން މިހާރު ފެންނަނީ ވަރަށް ދެރަކޮށް ކަަމަށް ވިދާޅުވިއެވެ. އަދި ގަދައަޅާ މަސައްކަތް ކުރައްވަނީ ނަފްރަތާއި ދުރުވެ ކެމްޕެއިން ހިންގެވުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަނީ ވަރަށް ބޮޑަށް ގަދައަޅާ މަސައްކަތް ކުރަމުން އެ މަގުން [ނަފްރަތު އުފެއްދުން] އަޅުގަނޑުމެން ނުދާނަން،" ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރާއްޖެ

    އިއްޗި މަޑުން ހުރުމުން އަދި ފައްޔާޒަށް ފުރުސަތު ދިނުމުން އެއްޗަށްވެސް ބެއްޗަށްވެސް
    ވާނީފައިދާ އިނގޭ!

    2
    1
  2. ތިލަފަތުގެ ރަމްޒު

    ބަޔަކުމީހުން އިންތި ހަވަރަށް ދީގެން އުޅޭތަން ފެނުނީމަ ދެރަވޭ. އިންތި ފެންނައިރަށް ހިތަށް އަންނަނީ ތިލަފަތެކޭ. "ތިލަފަތުގެ ރަމްޒު"

  3. ޢިދްރީސް

    ފައްޔާޒު އަކީ ހިންގުންތެރިއެއް ކަމަށް ބެލެވޭ

  4. Anonymous

    ކިތަންމެ ވަރަކަށް ނޫންކަމަށް ހެދިގެން އުޅުނަސް އެމްޑީޕީ އަކީ ނަފުރަތުގެ ރަމްޒެއް. މިގައުމުގައި ނަފުރަތާއި ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފެއްދީ އެމްޑީޕީ އިން. މިހާރުވެސް މިރާއްޖޭގައި ނަފުރަތު އުފައްދަން އުޅޭ ބޮޑަކީ އެމްޑީޕީގެ ލާދީނީ މީހާ.

  5. Anonymous

    ސާބަސް

  6. ހުސޭނުބޭ

    އެހެންވިއްޔާ ކެރަފާ ޢާއިލާ ބޭރުކުރަން ޖެހޭނެ! އިސްތިޢުފާދީފަ މުޅި ރާއްޖޭގައި ހުޅުޖަހާ، އެއަރޕޯޓް ޖީއެމްއާރަށް ވިއްކާލާ، މިހާރު އެ އުޅެނީ އުތުރު ތިލަފަޅު ވިއްކާލައިގެން.

  7. ޕޮގުބާ

    އެމްޑީޕީއަކީ ނަފުރަތުން ފުރިގެންވާ ޕާޓީއެއް

  8. Anonymous

    މޑޕ އަކީ މިގައުމުގެ ހަލާކު ގޮތުގަ ސިފަވަނީ.