ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް މަގު ތަނަވަސްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން މުހިންމު ދައުރެއް އަދާކުރިކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، "ޕުޓިން ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މައުލޫއަށް އ.ދ.ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަގްރީރު ކުރައްވަމުންނެވެ.

ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރި ނޭދެވޭ އަސަރުތައް ބަޔާންކުރައްވަމުން ގައުމުގެ ޖީ.ޑީ.ޕީ.ގެ 60 އިންސައްތަ ދަށަށް ދިޔައިރު، 4.6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނުކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އަދި ރާއްޖޭގައި ފަތުރުވެރިކަން ގާއިމުކުރެވިފައިވާ ގޮތަށް އަލިއަޅުވާލައްވަމުން ނައިބު ރައީސް ވިދާޅުވީ އެއީ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމުގައި އެވެ.

ރާއްޖޭގެ ބޮޑުމިނާއި އޮންނަ ސަރަހައްދާއި އަދި ތަރައްގީއަށް ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ ފަހުން ފަންސާސް އަހަރު ވީއިރު، ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީ.ޑީ.ޕީގެ 45 އިންސައްތަ ހިއްސާކުރާ އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އައުމުގެ މައިގަނޑު ބާރަކަށް ވެގެންގޮސްފައިވާކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވި. އޭގެ ފަހުން ބޯޑަރު އަލުން ކާމިޔާބުކަމާއެކު ހުޅުވާލެވި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ފުރުސަތު ލިބި، ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ ރަނގަޅުވުމުގެ މަގުމަތީގައި. އަދި 2021 ވަނަ އަހަރު އަމާޒުހިފި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ 30 އިންސައްތަ އިތުރަށް ވަނީ ހާސިލުކުރެވިފައި." ނައިބު ރައީސް ވިދާޅުވި އެވެ.

އެކަމުގައި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ގާނޫނެއް މި ސަރުކާރުން ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ލިބިދީފައިވާކަމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އޭގެ ފައިދާ ލިބޭގޮތަށް ޓޫރިޒަމް ސިނާއަތުގެ ސާވިސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ނަގަންޖެހޭގޮތަށް ގާނޫނެއް ވުޖޫދަށް ގެނެސްފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި، ޖަޒީރާ ވަންތަ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ތަނަވަސްވާނެހެން ފަތުރުވެރިކަން ރަށްތަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ހާއްސަކޮށް އެ ސިނާއަތުގައި އަންހެނުންނާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރަން ކުރަމުން އަންނަ ކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓާ ޕްލޭނަކީ، ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންދޭ އަހަންމިއްޔަތު ފެނިގެންދާނެ ޕްލޭނެއް." ނައިބު ރައީސް ވިދާޅުވި އެވެ.

ކޮވިޑުން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފަތުރުވެރިކަމަކީ މައިގަނޑު ދައުރެއް އަދާކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވައި މެންބަރު ގައުމުތަކާއި އެހެނިހެން ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ވެސް ނައިބު ރައީސް ފާޅުކުރެއްވެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    މިހާރު ރާއްޖޭގެ ފަތުރުވެރި ކަމަކީ ބޭރުގެ އިންވެސްޓަރުން ޕްރޮމޯޓް ކޮށް ކުރިއަރިވާ ސިނާ އަތެކެވެ. ބޭރުގެ ޗެއިން ތައް ވ ގިނަ އެވެ.

  2. ފާފު ދާލު.

    ފަތުރުވެރިކަން ރަގަނޅުވަމުން ދަނީ އިދިކޮޅުން އެއްބާރުލުން ދެމުންދާތީ. ސަރުކާރުގެ ސިޔާސަތު ހަރުދަނާ ވުމަކުން ނޫން.

  3. ޑައެލޯގް

    ފަތުރުވެރިކަން ރަގަޅުވީ ޔާމީންކޮށްފައި ހުރިމަސައްކަތުގެ ނަތީޖާއިންނެވެ. ޔާމީނުވަނީ 35 ރިސޯޓު އޭނާގެ ވެރިކަމުގައި އުފައްދާފައެވެ. އެއާޕޯޓު ބޮޑުކޮށް ޕްރައިވެޓް ފްލައިޓެގެ ޖާގަބޮދުކޮށް އެމްއެމްއޭގެ ރިޒާވް މަތިކޮށް ޖީޑީމަތިކޮށް އިގްތިޞާދު ރަގަޅުކޮށްފައެވެ.

  4. ރަން ރީނދޫ

    ދުނިޔޭގެ ގައުމުތައް ބަންދު ކޮއްފަ އޮތްއިރު ،އެހެން ގޮތެއް ނެތިގެން ،މި ރާއްޖެ އޮތީ ފަތުރުވެރިންނަށް ހުޅުވާލާފައި. ދެން އާ ދެވޭނީ ރާއްޖެއަށް އެކަނި ކަމަށްވާތީ ޓުއަރިސްޓުން ރާއްޖެ އައީ.މި ތާނކު ބަޔަކު ގެ މޮޅު ކަމެއް ނުފެނޭ. އެވަރުން ވެސް ނުވިތާކަށް ކުރީގެ ކަމުނުދިޔަ ބޮޑެތި ޕްރޮޖެކްޓްތައް ރަހުނު ކޮއްފަ ލޯނު ނެގީ. ދެން ފައިސާ ޗާޕް ކުރީ. ކޮބާ މި ތަނުން މޮޅު ކަމެއް ކުރެވިފައި.