މާލޭގެ ގަރާޖެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވެފައިވަނީ އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގައި މީގެ ކުޑައިރުކޮޅެއް ކުރިންންނެވެ.

މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ވެސް އަދި އެނގިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އިސްކަންދަރު މަގުގައި ހުރި އޭއެސްއެމް ގަރާޖުގައި ރޯވި އަލިފާންގަނޑު މިރޭ 21:38 ގައި އެފްއާރުއެސްއިން ނިއްވާލާފައިވާ ކަމަށާއި މި ހާދިސާގައި އަލިފާން ރޯވީ ގަރާޖުގައި ބޭނުން ކުރާ ގޭސް ސިލިންޑަރެއްގައި ކަމަށެވެ.

"އަލިފާން ރޯވުމުގެ ސަބަބުން ގަރާޖު ތެރޭގައި އޮތް ކާރަކަށާއި އެތަނުގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައި" އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރަމަޟާން މަސް ތެރޭގައި ވެސް މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ރަށްދެބައި މަގުގައި ހިނގި އެހާދިސާގައި ގަރާޖުގެ އިތުރުން މަގުމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކަށް ވެސް ގެއްލުން ލިބުނެވެ.