ށ. ފޯކައިދޫން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ރައްޔިތުން ދެއްކީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

130 މީހުންނާއި އެކު ފޯކައިދޫއިން ފުރައިގެން މާލެ ދަނިކޮށް ފުރާގު 2 ބޯޓު ޅ. ގާއެރިފަޅު ފަރަށް އަރާފައިވާ ކަމަށް އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ ރޭ 8:30 ޖަހާކަށް ހާއިރުއެވެ. ބޯޓު ފަރަށް އެރުމާއި އެކީ ފުންކުރުމަށްފަހު ނައިފަރު ބަނދަރަށް ވައްދާފައިވަނީ ރޭ ދަންވަރު 1:16 އެހާކަންހާއިރުއެވެ.

މި ހާދިސާއާއި ގުޅިގެން އެދާއިރާގެ މެމްބަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފޯކައިދޫ 'ފުރާގު 2' ބޯޓު މާލެދަތުރުކުރި މަގުމަތީ ރޭގެ ވަގުތެއްގައި ފެލިވަރު ކައިރި ފަރަށް އެރުމުން ބޯޓުން ދަތުރުކުރި 130 އަށްވުރެ ގިނަ ދަތުރުވެރިން ނައިފަރު ކައުންސިލް މެދުވެރިވެ ނައިފަރަށް ބާލައި، ނައިފަރުގެ ލޮބުވެތި އާއިލާ ތަކުން ދަތުރުވެރިންނާ ހަވާލުވެ ދެއްކެވީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއް ކަމަށެވެ.

"ފަރަށް އެރި ބޯޓު ފުން ކުރުމުގައިވެސް ނައިފަރުގެ މަސްވެރިންނާ އޮޑިވެރިން އެބޭފުޅުންގެ އުޅަނދުފަހަރު ބޭނުންކުރައްވައިގެން ދަންވަރުގެ ވަގުތެއްގައި އަމިއްލަ ކަމެއްގެގޮތުގައި ބަލައި ކުރެއްވީ ވަަރަށް ބޮޑު މަސައްކަތެއް" ޝިޔާމް ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ، ބޯޓުން ދަތުރު ކުރި ވަރަށް ގިނަ ދަތުރުވެރިންނާއި އޭނާ ވެސް ފޯނުން ގުޅައި ވާހަކަ ދައްކާފައިވާ ކަމަށާއި އެބޭފުޅުން ދެއްކެވީ ކައުންސިލްގެ އިންތިޒާމު ތަކުގެ ފުރިހަމަ ވާހަކަ އާއި ޚާއްސަކޮށް އެބޭފުޅުންނާ ހަވާލުވި އާއިލާތަކުގެ ހިތްހެޔޮކަމާ މެހުމާންދާރީގެ ފުރިހަމަ ކަމުގެ ވާހަކަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ނައިފަރުގެ ލޮބުވެތި ރައްޔިތުންނަކީ މިފަދަ ކޮންމެ ވަގުތެއްގައި ނަމޫނާ ދައްކަވާ ބައެއް ކަމަށެވެ. އަދި އޭނާ ރަށްރަށަށް ގޮސް އުޅޭއިރު ނައިފަރު ރައްޔިތުންގެ ހިތް ހެޔޮ ކަމާ ފުރިހަމަ މެހުމާންދާރީގެ ވާހަކަ އަކީ އެންމެ ގިނައިން އޭނާގެ ކަންފަތުގައި ޖެހޭ އެއްއަޑު ކަމަށް ވިދާޅުވިއެވެ.

"ރޭގެ ހާދިސާގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިހުލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން. ނައިފަރުގެ ރައްޔިތުންނަށްޓަކައި އަބަދުވެސް ފަޚުރުވެރިވޭ" ޝިޔާމް ވިދާޅުވިއެވެ.