ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޔާމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔާމީން އިސްތިއުފާ ދެއްވީ އޭނާގެ ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 20،500ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭ އިރު ފޯން އެލަވަންސްގެ ގޮތުގައި މަހަކު 1،000ރ. ލިބޭނެއެވެ.

އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި މަހު 23ގެ މެންދުރު 12ގެ ކުރިން ކުރިމަތިލުމަށް އެޗްއާރުސީއެމް އިން އެދެއެވެ.

އެ މަގާމަށް ކުރިމަތިލާ މީހުންގެ ބައެއް ޝަރުތުތަކުގެ ތެރޭގައި ގުޅުންހުރި ދާއިރާއަކުން ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާ އެކު، ހިންގުމުގެ ދާއިރާގެ އިސް މަގާމެއްގައި މަދުވެގެން އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ނުވަތަ ލެވެލް ނުވައެއްގެ ސަނަދެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާ އެކު، ހިންގުމުގެ ދާއިރާގެ އިސް މަގާމެއްގައި މަދުވެގެން ފަސް އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މީގެއިތުރުން ދިވެހި ރައްޔިތަކަށްވުމާއި އުމުރުން 25-55 އަހަރުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި މަކަރާއި ހީލަތްހެދުމާއި ހިޔާނާތާއި ރިޝްވަތު ފަދަ ބޮޑު ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އަދި ކޮމިޝަންގައި އެ މީހެއްގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން ހިމެނެއެވެ.

ދިޔަ އަހަރުގެ މެދުތެރޭގައި އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޔާމީން ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ މީޑިއާ ކައުންސިލްގެ މެންބަރަކަށެވެ.