ރާއްޖޭގެ އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވޯޓުލައްވައިފިއެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9 ޖެހިއިރު ފަށާފައިވާއިރު މުޅި ރާއްޖޭގައި މި އިންތިހާބުގެ ވޯޓުލުން ހަވީރު 4 ޖެހުމުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

ފޯރިއާއެކު ކުރިޔަށްދާ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ދެ ބޭފުޅުން ވެސް ވަނީ ވޯޓުލާން ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް ގޮވާލައްވާފައެވެ.

މިނިސްޓަރ ފައްޔާޒު ވޯޓު ލެއްވެވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ މަންޗަންގޯޅި އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލާ ވޯޓު ފޮއްޓަށެވެ. އަދި ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ވޯޓު ލެއްވެވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ޗެއާޕާސަނަކު ކަނޑައެޅުމުގެ އިތުރުން މި އިންތިހާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި، ޝަފާތު އަހުމަދު ވާދަކުރައްވާއިރު ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.

މި އިންތިހާބުގެ ވޯޓުލުން ޖުމުލަ 194 ރަށެއްގައި ކުރިޔަށްދާއިރު މާލޭގައި 87 ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިހާބުގައި އެންމެ ފޯރިއާއެކު ކުރިޔަށްދާ ޗެއާޕާސަނަކު ހޮވުމަށް 94،211 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

މި އިންތިހާބުގެ ފޯރި ގަދަވެފައިވަނީ މިއީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންގެ ދެމެދު ކުރިޔަށްދާ ވާދަވެރިކަމަކަށް ވުމުންނެވެ.

އެގޮތުން ރައީސް ސޯލިހްގެ މަދަދާއެކު ވާދަކުރައްވަނީ އިކޮނަމިކް މިނިސްޓަރު ފައްޔާޒެވެ. އޭނާއަށް ތާއިދު ކުރައްވާ ކެމްޕޭނުގައި ވެސް އުޅުއްވަނީ ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނެވެ. ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ވާދަކުރައްވަނީ ރައީސް ނަޝީދުގެ ތާއީދާއެކުގައެވެ.