ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޚާބު އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ކާމިޔާބު ކުރެއްވުމުން ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަރުކާރުގެ ބައެއް ކުންފުނިތަކަށާއި، އެކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ޝުކުރު އަދާކޮށްފިއެވެ.

ބޮންޑެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓެލްކޯ އާއި ފެނަކަ އަދި އާރުޑީސީ އަށާއި ކާމިޔާބުގެ ހައްގުވެރި މެނޭޖިން ޑިރެކްޓަރުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. "މަރުހަބާ ސްޓެލްކޯ! މަރުހަބާ ފެނަކަ! މަރުހަބާ އާރުޑީސީ! ކާމިޔާބުގެ ހައްގުވެރި އެމްޑީންތަކަށް މަރުހަބާ! މަރުހަބާ!" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ އަކީ ޗެއާޕާސަން ކަމުގެ އިންތިޚާބުގައި ބަލިވެ އިމްތިޔާޒް ފަހްމީ (އިންތި) އަށް ތާއިދު ކުރައްވާ ކެމްޕޭން ކުރެއްވި ބޭފުޅެކެވެ. ފައްޔާޒްގެ ޓީމަށް އެންމެ ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވި އެއްބޭފުޅަކީ ވެސް ބޮންޑެއެވެ.

ފޯރިގަދަ ކެމްޕޭނަކަށް ފަހު ހޮނިހިރު ދުވަހު އިންތި އިންތިޚާބުން ބަލިވުމުން އެމްޑީޕީ އެއްބައެއްގެ ގޮތުގައި ދެން ކުރިއަށް ހިނގައިދާނެތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އިންތިހާބުގައި ބަލިވި އިންތި ވަނީ މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި އެމްޑީޕީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނާނަން ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިންތިޚާބަށް ފަހު ފައްޔާޒަށް މަރުހަބާ ވިދާޅުވެ ތައުރީފް ކުރައްވާފައެވެ. ފައްޔާޒްގެ ޗެއާޕާސަން ކަމުގައި އެމްޑީޕީ އަށް އިތުރު ކާމިޔާބީތައް ހޯދާނެ ކަމީ އެމަނިކުފާނު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށް ނަޝީދު އިއްޔެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަޖަމު

    ހަޖަމް ނުކުރެވިގެން އެއުޅެނީ. މި އިންތިހާބުގަ އިންތިއަށް އެންމެ ބޮޑު ޑެމޭޖެއް ދިން އެކަކުތީ.

  2. hassan222

    އެހެން ތިކަން ވާނަމަ ނިމިދިޔަ ރިޔާސީ އިންތިހާބުގަވެސް ރައީސް ޔާމީން އަދި އޭގެ ކުރީ އިންތިހާބުތަކުގައިވެސް ރައީސް މައުމޫނު ވެސް ކާމިޔާބު ކުރިސް .. އޭރުވެސް ސަރުކާރުން އޮތީ ސަރުކާރުގެ ކުންފުނިތަކުގައި މީހުން ލައިގެން .. މިއީ އަންނި އައް ނޫނެކޭ ބުނި ވޯޓެއް ..

    1
    1
  3. ދޮންކެޔޮ

    ރާއްޖޭގެ ހުރިހާ ހިސާބަކު ބޮނޑިބަތް ކައްކާ.. އެގޮތުން ކޮންމެވެސް ހިސާބަކުން ދެމީހަކު ކައްކާފައި އޮތް ބޮނޑިބަތް ގަޑެއް ތީ. ޖޭމްސް ބޮނޑިބަތް ބެދިގެން ތިއުޅެނީ.