ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އަދިިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިފަހަރުގެ މަޖިލީހުގެ އިދިކޮޅަށް ނިސްބަތްވާ މެންބަރުން ނުވަތަ މައިނޯރިޓީ މެންބަރުން މަދުވުމުގެ ސަބަބުން އިދިކޮޅު ޕާޓީން ކުރަންޖެހޭ ސިޔާސީ މަސައްކަތް ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ހާއްސަ ގޮތެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މަޖިލީހުން އަދާކުރަން ޖެހޭ ޒިންމާ މުޅި މަޖިލީހުން އަދާނުކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް އެކަނި ވެސް ނިސްބަތްވާ 65 މެންބަރުން ތިބިއިރު، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރުންނާއެކު އެ އަދަދު އިތުރުވެގެންދާނެއެވެ. އެހެންކަމުން މަޖިލީހުން އިދިކޮޅުން ހުށަހަޅާ މައްސަލަތަކާއި ބިލްތައް ވެސް ގިނަ ފަހަރު ބަލައެއް ނުގަނެއެވެ. އަދި ބަހުސާ ހަމައަށްވެސް ބަލައިނުގަނެއެވެ.

އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަމުން މިދިޔަ ޕީޕީއެމްގެ ވެރިކަމުގައި ދިފާއީ ވަޒީރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވަނީ ގާނޫނު އަސާސީން މަޖިލީހުގެ މައްޗަށް ލާޒިމްކޮށްފައިވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާނުކުރެވޭ މަޖިލީހެއް ބޮޑު ހަރަދުކޮށްގެން ހިންގުމުގެ ބޭނުމެއް އޮތްތޯ ސުވާލުކޮށްފައެވެ.

"ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާ ނުކުރެވޭ، ގައުމުގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިނުދެވޭ، ގާނޫނު އަސާސީ ލާޒިމް ކުރާ، ސަރުކާރު ޖަވާބުދާރީ ނުކުރެވޭ މަޖިލީހެއް ބޮޑު ހަރަދުކޮށްގެން ހިންގުމުގެ ބޭނުމެއް އެބައޮތްތޯ؟" ޕީއެންސީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ މަޖިލީހަށް އިދިކޮޅުން ހުށަހަޅާ ބިލްތައް ބޭރުކުރާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން އެކަމާއި ގުޅިގެން މަޖިލީހުގެ އިދާރާގައި ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.