ޖިނާއީ ކުށަކާއި ގުޅިގެން، މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް ޓަކައި އަދި ގޮތްނޭނގޭ މަރުތަކުގެ ޙަގީގަތް ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓްމޯޓަމް ހެދުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުތައް ބަޔާންކޮށް ގަވައިދެއް ގެޒެޓްކޮށް އަމަލު ކުރަން ފަށައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބިފައިވެއެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހެދުމާއި ގުޅޭ ގަވައިދެއް ހަދަން ގާނޫނު އޮތީ ލާޒިމް ކޮށްފައެވެ. މިއަދު އެގަވައިދު ގެޒެޓް ކޮށްފައި ވަނީ ގަވައިދަށް އަމަލު ކުރަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔަތާ ދޮޅު އަހަރު ފަހުންނެވެ.

މިއަދު އަމަލު ކުރަން ފެށި ގަވައިދުގައި މަރުގެ މައްސަލަތަކުގައި، މަރުވެފައިވާ މީހާ، މަރުވި ސަބަބު ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޭސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ދީފައި ވަނީ ވަކި ހާލަތްތަކެއްގައެވެ. އެއީ އެކްސިޑެންޓަކާއި ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަތަކާއި މިއްލައަށް މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާއި ގަސްތުގައި މީހަކު މަރާލައިފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި އިހުމާލުގެ ޢަމަލަކުން މީހަކު މަރުވެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތަކާއި ޤުދުރަތީގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މަރުގެ މައްސަލަތަކުގައެވެ.

އޭގެ އިތުރުން ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހެދުމަށް ކޯޓު އަމުރެއް އޮންނަ ހާލަތުގައި، އެ އަމުރާ އެއްގޮތްވާ ގޮތުގެ މަތީން ޕޯސްޓް-މޯޓަމް ހެދޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.

ގަވައިދުގައި ބުނެފައި ވަނީ މަރުގެ މައްސަލައިގައި، މަރުވި ސަބަބު ދެނެގަތުމަށް ޓަކައި ޕޯސްޓް-މޯޓަމް ހަދަންވާނީ، ޕޯސްޓް-މޯޓަމް ހެދުމަށް ތަޙުޤީޤު ކުރުމުގެ އިޚްތިޞާޞް ލިބިދީފައިވާ ފުލުހުންގެ އިދާރީ ބަހާގެ އެންމެ އިސް އޮފިސަރުގެ ހުއްދަޔާ އެކުގައެވެ.

ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހެދޭ ހަށިގަނޑަކީ ކާކުކަން ދެނެގަނެވިފައި ނުވާނަމަ، އެ ފަރާތަކީ ކާކުކަން ދެނެގަތުމަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތާއި، އެފަދަ ފަރާތްތަކުގެ ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަނާ ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް، ދިވެހި ފުލުހުން ގާއިމުކުރުން ގަވައިދުގެ ދަށުން ވަނީ ލާޒިމް ކޮށްފައެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުގައި ހަށިގަނޑާ ގުޅޭގޮތުން ތަޙުޤީޤުގެ ބޭނުމަށް އިތުރު އެހެން އެއްވެސް ބެލުންތަކެއް ނުވަތަ ކަންތައްތަކެއް ކުރަން ނެތްނަމަ، ލަސްކުރުމެއްނެތި، އެ ފަދަ ހަށިގަނޑެއް އާއިލާއަށް ހަވާލުކުރުމަށް ނުވަތަ ވަޅުލުމަށް ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހަދާ ފެސިލިޓީއަށް، ފުލުހުން އަންގަން ޖެހޭނެއެވެ.

މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމުގެ އިޖުރާއަތުތައް ބަޔާންކޮށް، ގަވައިދެއް ހެދި ނަމަވެސް ރާއްޖޭގައި ޕޯސްޓްމޯޓަމްއެއް ނުހަދައެވެ. ޕޯސްޓްމޯޓަމް ހަދަން ޖެހޭ ހާލަތްތަކުގައި ރާއްޖެ އިން ހަށިގަނޑު ގެންދަނީ އަވައްޓެރި ގައުމުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔާލު

    އިންސާފުވެރި ހުކުމެއްނުކުރެވޭ ތި ހުރިހާކަމެއް ކޮށްފަވެސް ދެން މައްޔިތާއަށް އިތުރު ގެއްލުން ދިނުމުގެ ބޭނުމެއްނެތް

  2. ކަތްރެވި

    މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމުގެ އިޖުރާއަތުތައް ބަޔާންކޮށް، ގަވައިދެއް ހެދި ނަމަވެސް ރާއްޖޭގައި ޕޯސްޓްމޯޓަމްއެއް ނުހަދައެވެ. ޕޯސްޓްމޯޓަމް ހަދަން ޖެހޭ ހާލަތްތަކުގައި ރާއްޖެ އިން ހަށިގަނޑު ގެންދަނީ އަވައްޓެރި ގައުމުތަކަށެވެ." ހާދަހާ ހެއްވައޭ!! ދިވެހި ސަރުކާރުގަ އަދިވެސް އެވަރުގެ ގަޓުނެތީތަ؟ ގަބުރަކު ފަޅާލަން އަދިވެސް ބޮޑު ޚަރަދު ކޮށްފަ ބިދޭސީ ގައުމަކަށް ތި ފޮނުވަނީ؟؟؟