ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މުވައްޒަފުން ގާނޫނާއި ގަވައިދާ ހިލާފަށް ކުރާކަމުގެ އެއްވެސް މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި މިގޮތަށް އެ ކޮމިޝަނުން ބުނެފައިވާއިރު، ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކޮމިޝަނުން ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް އަންގާފައިނުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ މަސައްކަތް ގަވައިދާ ހިލާފަށް ކުރާ ކަމުގެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައި ވެސް ނުވާ ކަމަށެވެ.

އަދި އެ ކޮމިޝަންގެ މުވައްޒަފުން ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ކުރާނަމަ އެ ފަދަ މައްސަލައެއް އެކޮމިޝަނަށް ލިޔުމުން ހުށަހެޅުމުން އެ މައްސަލައެއް ކޮމިޝަނުން ބަލައި ގަވައިދުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ސީއެސްސީ އިން ބުނީ، މުވައްޒަފުންނާއި ސިވިލް ސަރވިސް ކޮމިޝަން ބަދުނާމުވާގޮތަށް މީޑިއާތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުން ގެންދާކަން ފާހަގަވެފައިވާކަމަށާއި، އެފަދަ ހަގީގަތާއި ހިލާފު ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ.