މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަޙްމަދު ވިދާޅުވީ، އެޕާޓީގެ ގައުމީ ހިންގާ ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ހަވަނަ ދުވަހު ކަމަށެވެ.

185 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ އެމްއެންޕީގެ މެންބަރުންނަށް މި މަހުގެ 27 ގެ 14:00 ނިޔަލަށް އެފުރުސަތު އޮންނާނެ ކަމަށް އަސްރާ ވިދާޅުވިއެވެ. އެގޮތުން އެމްއެންޕީގެ އޮފީހަށް ނުވަތަ އެމްއެންޕީގެ އީމެއިލް [email protected] އަށް އީ-މެއިލް ކުރެއްވުމުން ވެސް ފޯމް ބަލައިގަންނާނެ ކަމަށް އަސްރާ ވިދާޅުވިއެވެ.

އަސްރާ ވިދާޅުވީ، އިންތިހާބުގައި ޕާޓީގެ ރައީސްގެ މަޤާމުގެ އިތުރުން ޕާޓީގެ 6 ރީޖަންގެ ނައިބު ރައީސުންގެ މަޤާމާއި ރާއްޖޭގެ އިންތިޚާބީ 87 ދާއިރާގެ ރައީސްގެ މަޤާމަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާ ކަމަށެވެ.

އިތުރަށް އަސްރާ ވިދާޅުވީ، މިމަހުގެ 27 އިން ފެށިގެން މަގާމުތަކަށް ކުރިމަތިލާ މެމްބަރުންގެ ފޯމުތައް ޕްރޮސެސް ކުރުމަށް 9 ދުވަސް ދޫކޮށްލުމަށްފަހު، އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލާ ކެނޑިޑޭތުންގެ ނަންތައް އިއުލާނުކޮށް، ނަންބަރު ތަރުތީބުކޮށް ކެމްޕޭން ކުރުމުގެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިރި

    ޓިކްޓޮކް ހާވާލަނިކޮށް ތިކަންވެދާނެ އިސާހިތަކު

  2. ތަންމަކުނު

    މޯލްޑިވްސް ނުހުވޭ ޕާރޓީ. ބާރތުޑޭ ޕާާރޓީ ބާއްވަންދޭބަލަ

  3. އަލީމޫސަ

    ބޭނުމެއްނޫން.. ކީއްކުރާ ޕާރޓީއެއް ތީ ދަފްތަރުތަކުން މީހުން ކޮޅެއް ލިބޭތޯބަލާ.