މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދުރާލާ ރާވައިގެން ދިން ނިރުބަވެރި ހަމަލާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އާދަމް މުހައްމަދު އަށް ބިރުދެއްކި މީހާގެ ގައިގައި ޓެގު އެޅުވުމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ކްރިމިނަލް ކޯޓުގެ ގާޒީ ތަނާޒުލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ މ.ކުދެހިގޭ އިސްހާގުގެ ދަރިއެއް، ގާޒީއަށް މީގެ ކުރިން އިންޒާރުދީފައިވާތީ ކަން ގާޒީ ފާހަގަ ކުރެއްވި ކަމަށެވެ.

ގާޒީގެ ފަރާތްޕުޅުން، އެ އެޅުއްވި ފަޔަވަޅަކީ، އިންސާފުން ޝަރީއަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަށް ވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް އެމްޑީޕީއިން ބުނެފައި ވެއެވެ.

" މި ދަނޑިވަޅުގައި، ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް، ތުހުމަތު ކުރެވޭ އިސްހާގުގެ ދަރި ނުވަތަ އެހެން ފަރާތަކުން ވެސް، އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެއް. އަދި ގާޒީއަށް ތަނާޒުލުވެވަޑައިގަންނަވާން ޖެހިވަޑައިގަތީ، ތުހުމަތުކުރެވޭ އިސްހާގުގެ ދަރި އަދިވެސް ދޫވެފައި، އަދި ސްޓެލްކޯގެ ވަޒީފާގައި ހުރުމުންކަމުގައި ވުމަކީ، މި ޕާޓީން ކުށްވެރިކުރާ ކަމެއް." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ވީހާވެސް އަވަހަކަށް އެ މައްސަލަ ބަލާ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ވިދިވިދިގެން ގެންދިއުމަށް އެމްޑީޕީއިން ވަނީ އެދިފަ އެވެ.

އަދި އެ ބިރުދެއްކުމުގެ މައްސަލައަށް ހަ މަހެށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ޕާޓީން އެދެނީ ތަންފީޒީ އިދާރާތަކުން މިކަން ސަމާލުކަމާއެކީ ބައްލަވައި، ދައުވާކުރަން ފޮނުވުމަށް ކަމަށާއި ނުވަތަ އެ އަމަލު ހިންގި ފަރާތް، ޓެގު އަޅުވައިގެން މޮނިޓަރާ ކުރުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.