ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރާއްޖޭގެ ވަކީލުންގެ ހުރި ކަންބޮޑުވުންތައް ހޯދައި، ހާލަތު ދިރާސާ ކުރުމަށް އިއްޔެ ރޭ ވަޑައިގަތް ލޯއޭޝިއާގެ އިސް ވަފުދުގެ ބޭފުޅުން ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލީ އެވަފުދުގެ ބޭފުޅުން ޓްއަރިސްޓް ވިސާގައި ރާއްޖެ އައުމުން ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލޯ އޭޝިއާގެ ވަފުދެއް ހޯދަން ޖެހޭ އެއްވެސް ހުއްދައެއް ނުހޯދާ ޓްއަރިސްޓް ވިސާގައި އެތެރެވުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެވަފުދުގައި ހިމެނޭ ފަރާތްތަކާއި ސުވާލު ކުރުމުން އެމީހުން އައީ ޓްއަރިސްޓުންގެ ގޮތުގައި އެތެރެވެ މަސައްކަތްތަކެއް ކުރަން ކަމުގައި އިމިގްރޭޝަނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އިމިގްރެޝަނުން ވިދާޅުވިއެވެ.

"މަސައްކަތް ކުރުމަށް ޓްއަރިސްޓް ވިސާގައި އެތެރެވުމުގެ ހުއްދަ ނުދެވޭނެކަން އެފަރާތްތަކަށް އެންގުމާއި ގުޅިގެން މިހާރު އެވަފުދުގައި ހިމެނޭ އެންމެން ވަނި ރާއްޖެ އިން ފުރައިގެން ގޮސްފައެވެ." ބަޔާނުގައި ވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޗުއްޓީ ހޭދަކުރުން ފިޔަވާ އެހެން އެއްވެސް ބޭނުމަކަށް ބިދޭސީއަކު ގެންނަނަމަ އެކަމަށް ހާއްސަކޮށްފައިވާ ވިސާ އަށް ހުށަހަޅާ ވިސާގެ ކަންކަން ހަމަޖެހުމުން މެނުވީ އެއްވެސް ބިދޭސީއަކު ރާއްޖެ ނުގެނައުމަށް ހަނދާންކޮށްދޭ ކަމަށެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބާ އެސޯސިއޭޝަންތަކުގެ މައްޗަށް ބިނާވެފައިވާ ޖަމިއްޔާ "ލޯއޭޝިއާ"ގެ އަށް ބޭފުޅަކު ރޭ ރާއްޖެ ވަޑައިގަތެވެ. އޭގެ ތެރޭގައި، އެ ޖަމިއްޔާގެ ރައީސް ކްރިސްޓޮފާ ލިއޮން އާއި ކުރީގެ ރައީސް ޕްރަޝާންތު ކުމާރާއި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އުޕުލް ޖަޔަސޫރިޔާ އާއި ލޯ އޭޝިއާގެ ކަންޓްރީ ކައުންސެލަރު އަދި ސިންގަޕޫރުގެ ބާ އެސޯސިއޭޝަންގެ ރައީސް ގްރެޖޯރީ ވިޖެޔަންދުރަން އާއި ދަ ލޯ ސޮސައިޓީ އޮފް ނިއު ސައުތު ވޭލްސް ރައީސް ޑައުގް ހަމްފްރޭސް ހިމެނިވަޑައިގެންނެވި އެވެ. އޭގެ އިތުރުން ޖަޕާނުގެ ބާ އެސޯސިއޭޝަންގެ މެންބަރު ޔަސުޝީ ހިގާޝިޒަވާ، މެލޭޝިއާގެ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު އަރީފް އަދި ނިއު ސައުތު ވޭލްސްގެ ލޯ ސޮސައިޓީގެ މެންބަރު އަދި ލޯ އޭޝިއާގެ ސޮލިސިޓަ ކޭޓް ހިއުސަން ވެސް ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

އެބޭފުޅުންނަށް ރާއްޖެ އެތެރެނުވެވުމުން ވަނީ އަވައްޓެރި ސްރީލަންކާ އަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާއިޒް

    ސާބަސް މި ރާއްޖެ އަކީ މިނިވަން މުސްތަހިއްލު ޤައުމެއްކަން ހާމަ ކޮށްދީފި.

  2. ޙަސަދަ

    ސާބަސް!އިތުރަށް ފަޟީހަތްވުން ނޫން ކަމެއް ނުވި.

  3. ކޮސްނުގޮވާ

    ކަލޯގެޔާ! ރަސްމީ ނޫންކޮށް އޯކޯ ދޯ ސަރުކާރުގެ ބޭފުޅުން ކޮންމެ ފަރާތަކާ ބައްދަލުކުރުން

  4. ބުއްްޅަބޭ

    ގުންޑާ ނަޝީދުގެ 3 އަހަރު ތެރޭ ރާއްޖޭގެ ފޮރިން މިނިސްޓްރީ އިންޑިޔާއިން ހިންގި ގޮތަށް މިހާރަކު އެކަމެއްނުވާނެ!

  5. 765

    ރައްޔިތުންނަށް ސަރުކާރުންކުރި އަނިޔާއެއް ނޯންނަނެ. ހިލޭމިލިޔަނުން ބޭސްކުރެވޭ. ނަރސަރީން ފެށިގެންޕީ.އެޗް.ޑީއަށް ހިލޭ ކިޔެވޭ. ނުކެޅެދޭމީހުނަށް ދާންދެން ވަޒީފާ ލިބޭ. ހިންގާ ޕްރޮޖެކްޓްތައް ގިނަކަމުން ވިޔަފާރިތައް އިންތިހާއަށް ކުރިއަރައިފި. އަމިއްލަ ފަރުދުންނަށް މަސައްކަތް ކުރުމަށްބޭނުންވާ ފައިސާ ސަރުކާރުންދޭ. 65 އަހަރުގެ މީހުނަށް 5000 ރުފިޔާދޭ. މިއީނދުވަހަކު މިހާތަނަށް ގައުމަކުން އެތަނުގެ ރައްޔިތުންނަށް ކިށްދިން ކަންތައްތަކެއްނޫން. ޝުކުރުވެރި ނުވާކަން. ﷲ ހަނދާން ނުކުރޭ. ސިޔާސީ މީހުންގެ ބޫގަލްގަ ޖެހިފަތިބޭ ރައްޔިތުން ތަކެއް މިތާތިބީ.

  6. ލޯޔަރުން

    ތިޔަ އައި މީހުންގެ ފެންވަރު ވިސްނިއްޖެ. ދިވެހީންނަށް އިޚްތިރާމު ނުކުރާކަށް ހަމަވަނީ. ހީވަނީ މިމީހުންގެ ބޭނުން އިރަކު އައިސް އަހަރުމެންގެ ގޯތި ގެދޮރަށްވެސް ވަންނަންވިއްޔޭ، މިކަމަށް އަހަރުމެން ނުނެކޭ މިބުނަނީ.