އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަށް ތާއިދު ކުރައްވާ އިދިކޮޅު ލީޑަރުންގެ ލިސްޓެއް އާންމު ކުރައްވައި ޓްވީޓް ކުރެއްވިއިރު އެލިސްޓްގައި ރައީސް ނަޝީދުގެ ނަންފުޅު ނެތުމުން، އެ ޓްވީޓް ޑިލީޓް ކުރުމަށް އެމްޑީޕީގެ މެންބަރުން އެދިފައިވާކަމަށް އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކަމާ ހިތްހަމަނުޖެހި ޓްވީޓް ޑިލީޓް ކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން އެދެމުންދާ ކަމަށާއި، އެ ޓްވީޓްގެ މާނަ ބައެއް ބޭފުޅުންނަށް އޮޅޭ ގޮތަށް ކުރެވުމުން މައާފަށް އެދޭ ކަމަށެވެ. އަދި އިސްލާހީ މަސައްކަތުގެ އިސް ލީޑަރަކީ ނަޝީދު ކަމަށްވެސް މާރިޔާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ ޓްވީޓްގައި ރައީސް ނަޝީދުގެ ނަން ނެތިގެން އެކަމާ ހިތްހަމަނުޖެހި ޓްވީޓް ޑިލީޓް ކުރުމަށް އަޅުގަނޑު ގާތުގައި އެމްޑީޕީގެ ބައެއް މެންބަރުން އެދެފި. ރައީސް ނަޝީދަކީ ރާއްޖޭގެ އިސްލާހީ މަސައްކަތުގެ އެންމެ އިސް ދައުރެއް އަދާކުރައްވާ ލީޑަރު. އެ ޓްވީޓް މާނަ ބައެއް ބޭފުޅުންނަށް އޮޅޭ ގޮތަށް ކުރެވުމުން މައާފަށް އެދެން" މާރިޔާ ދީދީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިމަހުގެ 26 ވަނަ ދުވަހު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިބޫ އަށް ކުރީގެ ރައީސް މައުމޫނާއި، ގާސިމް އިބްރާހީމާއި، އިމްރާން އަބްދުﷲ ގެ ފުރިހަމަ ތާއިދު އެބައޮތް ކަމަށެވެ. ކޮރަޕްޝަނުން އިބޫ ގައުމު ސަލާމަތް ކުރައްވާނެ ކަމަށް ވެސް މާރިޔާގެ ޓްވީޓްގައި ވިދާޅުވިއެވެ. ނަމަވެސް އެ ލީޑަރުންގެ ލިސްޓްގައި ނަޝީދުގެ ނަން ހިމަނުއްވާފައެއް ނުވެއެވެ.

މާރިޔާގެ ޓްވީޓަށް ރައްދުދިން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ ރައީސް ނަޝީދުގެ ތާއިދު މިހާރު ކޮންމެހެން އިބޫ އަށް އޮންނަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އަނެއްބައި މެމްބަރުން ވަނީ އިބޫ މިހާ އަވަހަށް ނަޝީދު ދޫކޮށްލެއްވީތޯ ސުވާލު ކުރައްވާފައެވެ. ޓްވީޓްގެ މައްސަލަ ހޫނުވެ ޕާޓީގެ އެކްޓިވިސްޓުންގެ ބަހުގެ ހަމަލާތައް އަމާޒުވާން ފެށުމުން މާރިޔާ ފަހުން ވަނީ އިތުރު ޓްވީޓެއް ކުރައްވާފައެވެ.

މާރިޔާ ފަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބޫ ހުށަހަޅަން އެމްޑީޕީ އިން ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ލީޑަރު އަދި ރައީސް މުހައްމަދު ނަޝީދުގެ ފުލް ސަޕޯޓާއި އެކު އެމްޑީޕީގެ ކޮންގްރެސް އިން ކަމަށެވެ.

އިބޫގެ ނަން ހުށަހެޅުއްވީ ރައީސް ނަޝީދުގެ ތާއީދާއި އެކު ކަމަށް މާރިޔާ ވިދާޅުވި ނަމަވެސް އިބޫގެ ކެމްޕޭންގައި ރައީސް ނަޝީދުގެ އެކަށީގެންވާ ބައިވެރިވުމެއް ނެތްކަމަށް ބުނެ މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

އިބޫއަށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ކުރިން ރައީސް ނަޝީދު ފެނިގެން ގޮސްފައިވަނީ ރާއްޖޭން ބޭރުގައި ހުންނަވައިގެންވެސް ވަރުގަދަ ކެމްޕޭނެއް ކުރެއްވި ލީޑަރަކަށެވެ. ނަމަވެސް އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓްވީޓް ކުރެއްވި ނަމަވެސް ކެމްޕޭންގައި މާހަރަކާތްތެރިކޮށް އެމަނިކުފާނު އުޅުއްވާ މަންޒަރެއް ނުފެނެއެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ އިތުރުން މައުމޫން ރިފޯމް މޫވްމަންޓާއެކު ކޯލިޝަނެއްގެ ތެރެއިން ސަރުކާރާ އިދިކޮޅު ފަރާތްތަށް ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާއިރު، ކޯލިޝަން ފެންނަނީ ކޯޅުން ބޮޑުކޮށެވެ. ކޯލިޝަނަށް ތާއީދު ކުރައްވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެސް ވެފައިވަނީ އެތެރޭގެ ކޯޅުންތައްކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މާރިޔާ ކުރެއްވި ޓްވީޓާއި ގުޅިގެން އެކްޓިވިސްޓުންނާއި، އެމްޑީޕީގެ މެންބަރުންގެ ފިއްތުންތަކަށް ކެތް ނުކުރެވި މާރިޔާ ދީދީ ވަނީ ނަޝީދުގެ ނަން ނުހިމަނާ ކުރެއްވޮ ޓްވީޓްވެސް ޑިލީޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާައަހުމަދު

    ބޭކާރު މީހުންގެ ނަމެއް އަސްލުގަވެސް ހަނދާނެއް ނުހުންނާނެ

  2. ޙަސަން

    ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާކަށް ތިމަންނާއަކަށް ނުޖެހޭނެޔޭ ބުނި މީހަކީ އިޞްލާޙީ މަސައްކަތުގެ ލީޑަރު ކަމަށް ގަބޫލުކުރާ ބަޔަކު މުސްލިމުންނަށް ވާނެބާ؟

  3. ސަލީމް

    މީގެ ހަގީގަތަކީ އިބޫ އަކީ އަންނިގެ ޕަޕަޓެއް ކަން