ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ބޭނުންވާ ތާއީދުކުރާ 1500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު "ވަގުތު" އަށް ވިދާޅުވީ، ތާއީދުކުރާ 1500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރައްވަނީ އާއްމުކޮށް އިއުލާން ނުކޮށް ސަޕޯޓަރުންގެ ކައިރިއަށް ގޮސްގެން ކަމަށެވެ.

"(ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ބޭނުންވާ ތާއީދުކުރާ 1500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް) އެބަދޭ އިނގޭތޯ ވަރަށް ބާރަށް. އަޅުގަނޑުމެން އެކަން މި ކުރަނީ އިޢުލާނު ނުކޮށް އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ކައިރިއަށް ގޮސްގެން." އުމަރު ނަސީރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް އުމަރު ކުރިމަތިނުލައްވާނެ ކަމަށް ބައެއް މީހުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށާއި، އެކަމާ ޝައްކު ނުކުރެއްވުން އެދޭ ކަމަށެވެ. އަދި އިންތިޚާބަށް ފޯމު ހުށަހަޅުއްވާނީ ފަހު ވަގުތު ކަމަށް ބުނާ ބުނުން އުމަރު ތަކުރާރު ކުރެއްވިއެވެ.

"އަޅުގަނޑު ކުރިމަތިލާނަން، އެއީ ވަރަށް ކްލިއަރ، އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑު ފޯމް ހުށަހަޅާނީ އެންމެ ފަހު ވަގުތު." އުމަރު ނަސީރު "ވަގުތު" އަށް ވިދާޅުވިއެވެ.

އުމަރު ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާނެކަން އިޢުލާން ކުރައްވާފައިވަނިކޮށް ދަރަނީގެ މައްސަލައެއްގައި އުމަރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މިދިޔަ ހަފްތާގެ ތެރޭގައި ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. އެ އަމުރާ ގުޅިގެން އުމަރު ވިދާޅުވެފައިވަނީ ކޯޓުން އަމުރު ނެރެފައިވަނީ ބަލަންޖެހޭވަރަށް ނުބަލާ ކަމަށާއި، އުމަރުގެ އަދި އުމަރުގެ ހިއްޞާ އޮންނަ އެއްވެސް ކުންފުންޏެއް މިހާރު ނޯންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން އުމަރު މިއަދު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމަށް އެއްވެސް ޤާނޫނީ ހުރަހެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

އުމަރުގެ އިތުރުން ރިޔާސީ ރޭހަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވައި އެކަން އިޢުލާން ކުރައްވާފައިވަނީ އެލްޖީއޭގެ ކުރީގެ ރައީސް ޝުޖާއު ހުސައިންއެވެ. ޝުޖާއުއަށް ތާއީދުކުތައްވާ ފަރާތްތަކުގެ ސޮއި ހޯދުމުގެ މަސައްކަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް ޝުޖާއުވެސް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބަށް މިހާތަނަށް ކުރިމަތިލައްވައި، އިލެކްޝަންސް ކޮމިޝަނުން ކެންޑިޑަސީ ބަލައިގެންފައިވަނީ ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓްގެ އެކަންޏެވެ. ޕީޕީއެމް އިން އިންތިޚާބަށް ނިކުމެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ. ރަނިންމޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަނަނަވަނީ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއްމެން

    އުމަރާވެ. ތިކަންވާނެ؟

  2. ހުސޭނުބޭ

    ޢުމަރު އިންތިޚާބާ ކުރިމަތިލާނީ ޕެލޭ ދަނޑަށް އަރާ ވަގުތު. އެންމެ ފަހު ވަގުތު!!!! ނޫނީ އެކްސްޓަރާ ޓައިމްގައި.