ހުޅުމާލޭގެ ޚާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު މަރާލި މައްސަލައިގާ އޭނާގެ މެޔަށް ލިބުނު ކަމަށް ބުނާ ޒަހަމްތައް އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ މީހާއަށް ވެސް ނުފެންނަ ކަމަށް އޭނާ ހެކިބަސް ދީފިއެވެ.

ވެއިޓަރު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އެ ރެސްޓޯރެންޓްގައި މަސައްކަތް ކުރި ޕާކިސްތާނު ޝެފު، މުހައްމަދު އާބިދުގެ މައްޗަށެވެ. އެ މައްސަލައިގެ ޝަރީއަތެއް މިއަދު ވަނީ ކްރިމިނަލް ކޯޓުގާ ކުރިޔަށް ގެންގޮސްފައެވެ.

މިއަދު ޝަރީއަތެއް ބާއްވާފައިވަނީ ހެކިބަސް ނެގުމަށެވެ. އެއީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ 11 ހެކިންގެ ހެކިބަސް ޝަރީއަތް ފެށުމުގެ ކުރިން ނަގައިދިނުމަށް ދައުލަތުން އެދުމާ ގުޅިގެންނެވެ. ސަބަބަކީ އޭގެ ތެރޭގާ ބޭރު ގައުމުތަކުގެ މީހުން ތިބުމާއެކު އެ މީހުން ރާއްޖެ ދޫކޮށް ދިއުމަށް މަސައްކަތް ކުރަމުންދާތީއެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވަނީ ހަތަރު ހެކިވެރިން ހާޒިރުކޮށް، ހެކިބަސް ނަގާފައެވެ. އެ މީހުން ވެސް ވަނީ ވެއިޓަރުގެ މެޔަށް ލިބިފައިވާ ޒަހަމްތައް ނުފެންނަ ކަމަށް ބުނެފައެވެ. ޝަރީއަތަށް މިއަދު ހާޒިރު ކުރީ ދެ ހެކިވެރިންނެވެ. އެއީ ޝަމީމް ގޮވައިގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ދިޔައިރު އޭގައި ދަތުރުކުރި މުހައްމަދު ޔޫނުސްއާއި، ރެސްޓޯރަންޓްގައި މަަސައްކަތް ކުރަމުން އައި ޒައިން އަލީއެވެ.

ދެ މީހުން ވެސް ބުނެފައިވަނީ އޭނާގެ މެޔަށް ލިބުނު ކަމަށް ބުނާ ޒަހަމް ނުފެންނަ ކަމަށެވެ.

މައްސަލައިގާ އަދިވެސް ފަސް ހެކިންގެ ހެކިބަސް ނެގުން އެބައޮތެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން ޝަރީއަތުން ވަނީ އެ ހެކިބަސް އަންނަ ހަފްތާގައި ނެގުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާމީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ދެ މީހުންގެ ދޭތެރޭގާ ޖެހުނު މައްސަލަތަކަކަށް ފަހުގާ ހިނގި މާރާމާރީއެއްގައި ކަމަށް ބައެއް ހެކިވެރިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަށް އާބިދު އިންކާރު ކުރެއެވެ. އޭނާ ބުނީ އަތް ހޫރުވާލީ މަރާލަން ނޫން ކަމަށާއި އޭރު އަތުގާ ވަޅިއެއް އޮތްކަން ވެސް އޭނާއަށް ނޭނގޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު