ޑެންގީ ހުން ޖެހުނު އަހަރު ނުވާ ކުއްޖާ އަށް އަދިވެސް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އެ ކުއްޖާ އައިސީޔޫއަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް އިއްޔެ ވިދާޅުވީ ޑެންގީ ޖެހުނު ކުއްޖާ ހޮޑޮލާއިރު ލޭ އަންނާތީ ލޭ ވެސް އަޅަން ޖެހުނު ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ކުއްޖާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށެވެ. އިތުރު ތަފްސީލެއް އޮފިޝަލު ނުދެއްވައެވެ.

ކުއްޖާ އައިސީޔޫއަށް ބަދަލު ކުރުމުގެ ކުރިން އެހެން ދެ ކުޑަ ކުއްޖަކު ވެސް އައިސީޔޫއަށް ބަދަލުކޮށްގެން ފަރުވާ ދިނެވެ. ނަމަވެސް ފަހުން އެ ދެ ކުދިން ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.

ފައިސަލް ވިދާޅުވީ ފާއިތުވި ތިން އަހަރާ އަޅާ ބަލާއިރު ޑެންގީގެ ނުރައްކާތެރިކަން ބޮޑުވެ އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޑެންގީ ޖެހި ބޮޑު ވަރުވަމުން ގޮސް ފުރަމޭ އަށް ވެސް ދަނީ ގެއްލުންވަމުންނެވެ.

ޑެންގީ ފަދަ ބަލިތަކުން ސަލާމަތްވުމަށް މަދިރި މަދުކުރުމަށް މަދިރި އާލާވާ ތަންތައް ނައްތާލަން ފައިސަލް އިލްތިމާސް ކުރައްވައެެވެ.

ޑެންގީގެ އިތުރުން އަރިފުސް ރޯގާ އާއި ހުން ވެސް މިއަހަރު އިތުރުވެފައިވާކަން ފާހަގަ ކޮށްލެވެއެެވެ.