ޑިޖިޓަލް ކަރަންސީއާ ގުޅޭ މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.

"ރެގިއުލޭޓަރީ ސޭންޑްބޮކްސް އޮން ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ" ގެ ނަމުގައި ހޮޓެލް ޖެންގައި އިއްޔެ ފެށި މަސައްކަތު ބައްދަލުވުމުގައި ބައްދަލުން މިއަދުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެެ.

މިއީ އެންވަޔަރަަމަންޓް މިނިސްޓްރިއާއި ޔުނައިޓެޑް ނޭޝަންސް ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރސް ގެ ޑިވިޒަން ފޮރ ޕަބްލިކް އިންސްޓިޓުޝަން އެންޑް ޑިޖިޓަލް ގަވަރންމަންޓް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކްއާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއާއި، އެމްއެމްއޭ އާއި، ފިނޭންސް މިނިސްޓްރީ ހިމެނެއެވެ. އަދި ހަމައާއިއެކު، އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގާ ޑިޖިޓަލް ސިސްޓަމްތަކުގެ ހިދުމަތްދޭ ދިވެހި ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވިއެވެ.

އެ ބައްދަލުވުމުގައި މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ތަރައްގީ ގެނައުމަށްޓަކައި، "ފްރަންޓިއަރ ޓެކްނޯލޮޖީ" އަދި "ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ" އެއް ތައާރަފްކުރުމަށްޓަކައި މިހާރު ދިވެހިރާއްޖެއަށް ހުރި ޤާނޫނީ ގޮންޖެހުންތަކާއި، އަދި މިފަދަ ޓެކްނޯލޮޖީތައް ތައާރަފްކުރުމުން، ގައުމަށް ހުރި ފުރުސަތުތަކާއި ހިރާސްތައް ދެނެގަތުމެެވެ.

އަދި މިހާރުހުރި ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑުތަކުގެ ބޭރުން ވަކި އޮނިގަނޑެއްގައި ޓެކްނޯލޮޖީ ރެގިއުލޭޓްކޮށް ތަޖުރިބާކުރުމަށްޓަކައި ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި، ޕްރައިވެޓް ސެކްޓާ ގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވެސް ވަރުގަދަކުރުމެވެ.

އެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށްޓަކައި، ފްރޮންޓިއަރ ޓެކްނޮލޮޖީގެ އާ ޖީލުގެ ސިފަތަކާއި އަދި ދައުރު މިއަދު އަޅުގަނޑުމެންނަށް ދޫކޮށްލެވޭކަށް ނެތް ކަމަށެވެ.

އަދި ކާރިސާއަކަށް ފަހު ކާރިސާއެއްގެ ގޮންޖެހުންތައް ގައުމުތަކުގެ ސަރުކާރުތަކަށް ކުރިމަތިވަމުންދާއިރު، މިފަދަ ޓެކްނޯލޮޖީތައް ދިރާސާކޮށް އޭގެ ބޭނުން އެންމެ ފުރިހަމަގޮތެއްގައި ހިފަންވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ފަދަ ޓެކްޏޯލޮޖީތައް ބޭނުންކޮށްގެން އުޖާލާ އިގްތިސާދެއް ބިނާކުރާއިރު، ޓެކްނޯލޮޖީއަށް ހިއްވަރުދޭ، ބޭނުންކުރާފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި، ގާނޫނީ އަދި ރެގިއުލޭޓްކުރުމަށް ހުރި ހިރާސްތަކާއި ގޮންޖެހުންތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ މުހިންމުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.