ދިވެހި ރާއްޖެއަށް ވުރެ ބޮޑަށް މީޑިއާގެ މިނިވަންކަން ލިބޭ އެހެން ގައުމެއް ދުނިޔޭގައި ވެސް ނެތް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުލް ރަހީމް ވިދާޅުވީ ރާއްޖޭގައި މީޑިއާގެ މިނިވަންކަން ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށެވެ.

"ބައެއް ބޭފުޅުން މީޑިއާގެ މިނިވަންކަން މި ރާއްޖޭގައި ނެތް ކަމަށް ވާހަކަ ދައްކާއިރު އަޅުގަނޑު ދަންނަވާނީ މި ދުނިޔޭގައިވެސް މީޑިއާގެ މިނިވަންކަން މިއަށްވުރެ ރަނގަޅަށް ލިބޭ އެހެން އެއްވެސް ގައުމެއް ނެތޭ." އަދުރޭ ވިދާޅުވިއެވެ.

މިސާލެއް ޖައްސަވަމުން އަދުރޭ ވިދާޅުވީ އަވަށްޓެރި ބޮޑު ގައުމެއްގައި ބޮޑު ވަޒީރަށާއި ޗީފް މިނިސްޓަރަކާމެދު އަދަބާ ހިލާފު ގޮތަކަށް ވާހަކަ ދައްކާ މީހުންވެސް ހައްޔަރު ކުރާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ގައުމުގައި މިހާރުވެސް ޓީވީތައް ހުޅުވާލާ މިސާލަކަށް ރާއްޖެޓީވީ ހުޅުވާލާ ތިބޭފުޅުން. ވީޓީވީ ހުޅުއްވާލައްވާ މިހާރުވެސް. ގައުމުގެ ރައީސުލް ޖުމްހޫރިއްޔާއަށް ވަޒީރު ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިނިވަން މުވައްސަސާތަކުގެ އިސް ބޭފުޅުންނަށް ކޯންޗެކޭތޯ ނުކިޔަނީ؟ ކޮން ބަދުނާމެއްތޯ އެ ބޭފުޅުންގެ އިސްތަށިފުޅުގައި ނާޅުވަނީ؟" އަބްދުލް ރަހީމް ވިދާޅުވިއެވެ.

ކަން އެހެން އޮތް އިރުވެސް އެފަދަ ކަމެއްގައި އެއްވެސް މީޑިއާގެ މީހަކު ހައްޔަރު ކޮށްފައި ނުވުމުން އެކަމުން ދޭހަވަނީ އެހެން ގައުމެއްގައި ނެތް މިންވަރަށް ރާއްޖޭގައި މީޑިއާގެ މިނިވަންކަން އޮތް ކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވގ ތުނޫސް

    ހެހެހެހެ ދެން ހަމަ ހެވެނީ އެވެ..... ކަލެއަށް އިނގޭބާ ދުނިޔޭގެ ވާ އެައް ނުވާއެއް...ތީ އަކުރު މަތީގަވެސް އަކުރު އަޅަން އިނގޭ މީހެއް ނުން... ވ ސަލާމް... އިނގޭ މި ކމެންޓު ނުޖަހާނެކަން، ބޮޑު މީހާ ވިއްޔާ....!!!!