ރ. ކިނޮޅޮހުގެ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފި އެވެ.

ކިނޮޅޮހުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދާ ކުންފުނި އެމްޓީސީން ބުނީ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ކިނޮޅޮހުގެ ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނީ އެ ޕްރޮޖެކްޓްގެ ދަށުން ގްރޮއިން ޖެހުމުގެ މަސައްކަތުގެ 84 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ އެވެ.

އަދި އޭގެ އިތުރުން ރޭމްޕެއް ހެދުމާއި، 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ކިނޮޅުހުގައި ހިންގާ އެ ޕްރޮޖެކްޓަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން މިހާރު ވެސް ދަނީ ގިނަ ރަށްތަކެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ނެވެ. އެ ކުންފުންޏަކީ ބަނދަރު ހެދުމުގައި ތަޖުރިބާއާއި އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ.