ކުޅުދުއްފުށީގައި ހަދަމުންދާ 105 ހައުސިން ޔުނިޓްގެ ބޮޑު ބައި ނިންމާލެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ކުޅުދުއްފުށީ 105 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ އެތަނުގެ 95.71 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ އެތަނުގެ ފިނިޝިންގެ މަސައްކަތް ކަމަށެވެ.

ކުޅުދުއްފުށީގައި 105 ހައުސިން ޔުނިޓް ޢިމާރަތްކުރަން ފެށީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް 2014 ގައި ވަނީ އެ މަސައްކަތް ހުއްޓިފައެވެ.

އެ 105 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. އަދި އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި 105 ހައުސިންގ ޔުނިޓްތަކުގައި ނިންމުމަށް ކުރަން ހުރި އެންމެހާ މަސައްކަތްތައް ކުރުމަށް ވަނީ ޙަވާލުކޮށްފައެވެ.

އެ 105 ފްލެޓްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް 47 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ.