އެމްޑީޕީގެ ގައުމީ މަޖިލިހުގައި ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ ބައިވެރި ކުރުވުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ ހެނދުނު ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދަށް މިހާރު ހުށަހެޅިފައި ހުރި ގިނަ އިސްލާހުތަކަކީ ޖުމްލަ ގޮތެއްގައި އެމަނިކުފާނު ތާއީދު ކުރައްވާ އިސްލާހުތަކެއް ކަމަށެވެ.

ނަމަވެސް ބައެއް އިސްލާހުތަކާ މެދުގައި މަޝްވަރާކޮށްލަން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަސާސީ ގަވައިދު އުފެދިގެން އައިއިރު، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ބައިވެރިވުން ހިންގުމުގެ ތެރޭގައި ހިމެނިފައި ނުވާ ކަމަށެވެ.

މިހާރު އަސާސީ ގަވައިދަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި ވެސް ކައުންސިލްތަކުގެ ބައިވެރިވުން އެހާ ބޮޑަށް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.

"މިއީ ޕާޓީގެ ހިންގުމުގެ ތެރޭގައި އަޅުގަނޑު އުޅުނު އިރުގައި ވެސް އަޅުގަނޑާ ހިސާބަށް އައިސްފައި ހުރި ބައެއް ކަންތައްތައް. އެހެންވީމަ މިއަދު އިސްލާހު ކުރެވިގެންދާ އިރު، ކޮންމެވެސް ސިފައެއްގައި ގައުމީ މަޖިލިހުގައި ކައުންސިލްތައް، އަދި މާ ގިނަ ބަޔަކު ގެންނަ ކަމަށްވާ ނަމަ، އެންމެ ކުޑަވެގެން ސިޓީ ކައުންސިލްތަކުގެ ރިޕްރަޒެންޓޭޝަނެއް، މޭޔަރުން ނަމަވެސް އޭގައި ތިބޭ ގޮތަށް އިސްލާހު ގެނެވިގެން ގޮސްފި ނަމަ، ލާމަރުކަޒީ އުސޫލުން ހިންގަން މި ކުރާ މަސައްކަތުގައި އިތުރު ބާރަކަށް ވެގެންދާނެ، ކަމެއް ކަމަށް ފެންނާތީ، އަޅުގަނޑު އެކަން ފާހަގަކޮށްލަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ނިންމާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ކޮންގްރެސްމަނުންގެ ގޮތުގައި ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނަށް ބައިވެރިނުވެވޭ ފަދަ އިސްލާހެއް ހިމެނެއެވެ. އިސްލާހުގައިވާ ގޮތުން ދާއިރާތަކުގެ މެދުގައި ކޮންގްރެސްމަނެއް އިންތިހާބު ކުރުން ހިމެނެއެވެ.

ރައީސް ސޯލިހް ވިދާޅުވީ މިހާރު ހުށައަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ ކޮންގްރެސްއަށް މަންދޫބުންގެ ގޮތުގައި ގޮފިތަކުގެ ރައީސުން ކޮންގްރެސް އަށް އަންނަން ފުރުސަތު ނުލިބޭ ކަމަށެވެ.

މިހާރު މިއޮތީ އެ ދާއިރާއެއްގައި ނުވަތަ ރަށެއްގައި ތިބި މެމްބަރުންގެ ނިސްބަތުން އިންތިހާބު ކުރާ ވަކި މީހަކު ކޮންގްރެސް އަށް އާދެވޭ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ވިސްނާލަން ޖެހޭ ރަނގަޅު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ގޮފިތައް ރަނގަޅަށް ހިންގަން ބޭނުންވާ ކަމުގައިވަނީ ނަމަ ޕާޓީގެ ހަރަކާތްތަކުގައި ގޮފިތަކުގެ ރައީސުންނަށް މިހާރަށްވުރެ ބޮޑަށް ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖެއްސުން މުހިންމު ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް ގޮފިތައް ހަރަކާތްތެރިވާ އުސޫލުތަކެއްވެސް ޕާޓީގެ ހިންގާ ގަވާއިދުގައި ހިމަނަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު