ދެމެހެއްޓެނިވިގޮތުގައި ކުނި މެނޭޖްކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ 'ފަސްގަނޑު' ގެ ނަމުގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މި ކެމްޕޭން ރަސްމީކޮށް އިފްތިތާހް ކުރަނީ މާދަމާއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ރަށްތަކުގައި އުފެދޭ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް ދިމާވާ ދަތިތަކުގެ މައްސަލައެއް ކަމަށެވެ. އަދި ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތުގެ ސަބަބުން، ކުނި މެނޭޖްކުރުމަށް ގިނަ ގޮންޖެހުންތައް ކުރިމަތި ވަމުން އަންނަ ކަމަށް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންޏާއި ވަސީލަތްތައް މޭނޭޖްކުރުމާއި، މި މުހިންމު މަސައްކަތް ރާވާ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ދިރާސާތަކެއް ކުރެވި، ޢާންމު ރައްޔިތުންނަށް އަމާޒުކުރެވިގެން ކެމްޕެއިނެއް ފަރުމާކޮށް. ޕްލޭންތަކެއް އެކުލަވާލެވި، މި ކެމްޕެއިން ތަންފީޒުކުރުމަށް ބޭނުންވާ "ފަސްގަނޑު" ނުވަތަ ޓޫލްކިޓް އެ މިނިސްޓްރީހެ ފަރާތުން ތައްޔާރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

މި ކެމްޕޭނަކީ ފަރުދީ ފެންވަރުން ފެށިގެން ރަށު ފެންވަރުގައި، ސަރަޙައްދީ އަދި ގައުމީ ފެންވަރުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭނެކެވެ.