އެމްޑީޕީ ކޮންގްރެސްގެ ސައްހަ ކަމާ މެދު އެމްޑީޕީގެ އިސް ވެރިން ސުުވާލު އުފައްދަވަން ޖެހިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ގޮފިތަކުގެ ރައީސުން ކޮންގްރެސްގައި ބައިވެރިނުވެވޭ ގޮތަށް ގެންނަން އުޅޭ އިސްލާހަށް ތާއިދު ނުކުރައްވާ ކަމަށެވެ. އަަދި އެކަމަށް ސީދާ ދެކޮޅު ހައްދަވާ ކަމަށް ވެސް ވިދާޅުވިއެެވެ.

އެގޮތަށް ޝަރީފް ވިދާޅުވީ އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ކޮންގްރެސްގައި ވިދާޅުވި ވާހަކަތަށް ކުށްވެރި ކުރައްވަމުންނެވެ.

"ޕާޓީގެ ނާއިބު ރައީސް މިތަނަށް ވަޑައިގެން ގޮފިތަކުގެ ބޭފުޅުންނަށް ކުޑައިމީސް ވަސް ވިދާޅުވެ އެއީ ސައްހަ ނޫން ބޭފުޅުން ކަމަށް ވިދާޅުވުން އަޅުގަނޑު އިހުތިޖާޖުކޮށް ސީދާ ދެކޮޅު ހަދާ ވާހަކަ ދަންނަވަން. މި ކޮންގްރެސްގެ ސައްހަކަމާ މެދު ސުވާލު އުފައްދާ އުފެއްދުމަކީ ޕާޓީގެ އިސްވެރިން ކުރަން ޖެހިވަޑައިގަންނަވާނެ ކަމެއް ނޫން" މަވޯޓާ ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ފަހަރުވެސް ގޮފިތައް އިންތިހާބު ވެގެން އައީ ނިމިގެން ދިޔަ ތިން ކޮންގްރެސްގައި ވެސް ގޮފިތައް އައި ގޮތަށް ކަމަށެވެ. އަދި ޕާޓީގެ ގޮފިތައް ހަދައި އަމަލީ މަސައްކަތުގައި އުޅުނު މީހަކަށް ވާތީ ޝިފާޒް ދެއްކެވި ވާހަކަތަކާ ގުޅިގެން ވަރަށް އަސަރުކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގައުމީ ހިންގާ ކޮމިޓީ ކުޑަކުރަން ތާއިދު ކުރައްވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ވޭތުވެދިޔަ ދެތިން އަހަރުވެސް ގައުމީ ހިންގާ ކޮމިޓީގެ ޖަލްސާއެއް ނުބޭއްވުމުން ކަމަށެވެ.

އެހެންކަމުން ގައުމީ ހިންގާ ކޮމިޓީއަކީ ބޭކާރު ތަނަކަށް ވެގެން ގޮސްފައިވާ ކޮމިޓީއެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.