އެކުވެނި ޓްރެކް ސަރަހައްދުގައި ކާރެއް، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ބަހެއްގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވެ އައިޖީއެމްއެޗްގެ ފަރުވާ ދެމުންދިޔަ އެންމެ ފަހު މީހާ ވެސް ދޫކޮށްލައިފި އެވެ.

މިދިޔަ މަހުގެ 4 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަންހެނަކު ނިޔާވިއެވެ. އަދި ތިން އަންހެނަކާއި ދެ ފިރިހެނުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

އޭގެ ތެރެއިން ހަތަރު މީހަކަށް ދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނެވެ. އެކަކު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވެސް ގެންދިޔަ އިރު ދެ މީހުން އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްގެ ވޯޑުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އެޑްމިޓްކޮށްފައި ބޭއްވި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެންމެ ފަހުން ވޯޑުގައި އޮތް 22 އަހަރުގެ ފިރިހެން މީހާ މިދިޔަ މަހުގެ 17ގައި ދޫކޮށްލައިފައިވާ ކަމަށެވެ.

އަދި ވޯޑުގައި އޮތް 22 އަހަރުގެ އަންހެން މީހާވެސް މި މަހު ދޫކޮށްލައިފައިވާ ކަމަށެވެ.

ފުލުހުން ކުރިން ވިދާޅުވީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އެކުވެނި ދަނޑު ކައިރި ބޭރުން ދުއްވާފައި ދިޔަ ކާރެއް އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް، އެ މަގުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހިގެން ކަމަށެވެ.

މިއެކްސިޑެންޓްގެ ސަބަބުން ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ފުނޑުފުނޑު ވެފައެވެ. ކާރުގެ އެތެރޭގައި ތިބި މީހުން ކާރުން ނެރެން ޖެހުނީ ވެސް ކާރުގެ ދޮރު ކީހާލައިގެންނެވެ. އެކްސިޑެންޓްގައި ބަހަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. ނަމަވެސް ފުރަތަމަ އެކްސިޑެންޓްގެ ދެކާރުގެ ތެރެއިން ދެވަނަ ކާރަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.