ސަރުކާރު ހިންގައި މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސްގައި ވޯޓުތައް ނަގާނީ ހާމަކޮށްތޯ ނުވަތަ ސިއްރުންތޯ ބެލުމަށް ކޮންގްރެސްމަނުންގެ މެދުގައި ނެގި ވޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ކުރި ހޯދައިފިއެވެ.

އެމްޑީޕީގެ މި ކޮންގްރެސްގައި ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ އަސާސީ ގަވައިދަށް ގެނައުމަށް ހުށައަޅާފައިވާ ބައެއް އިސްލާހްތަކަށާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ ގަރާރަށެވެ.

އެ ވޯޓުތަކަށް އަހާނީ ސިއްރުންތޯ ނުވަތަ ހާމަކޮށްތޯ ބެލުމަށް ނެގި ސިއްރު ވޯޓުގައި ހާމަކޮށް ވޯޓުލާން ފެންނަ ކަމަށް 776 މީހުން ވޯޓުދިން އިރު ވޯޓު ސިއްރުކުރަން ވޯޓުދިނީ 258 މީހުނެވެ. ވޯޓު ސިއްރުކުރަން ބޭނުންވީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.

މި ވޯޓުގައި 1،034 މީހުން ބައިވެރިވި އިރު، ވޯޓުގައި ބައިވެރި ނުވަނީ 9 މީހެކެވެ.

ނަޝީދު ހުށައަޅުއްވާފައިވާ ގަރާރުގައިވަނީ ރާއްޖޭގެ ވެރިކަންކުރުމަށް ފެންނަ ނިޒާމެއް ކަނޑައަޅަން އާއްމުންގެ ވޯޓަކަށް ދިއުމަށް ކޮންގްރެސްއިން ފާސްކުރުމަށެވެ. ކޮންގްރެސްގައި ފާޅުކަން ބޮޑު ގޮތެއްގައި ހިޔާލު ތާފަތުވުން އެންމެ ބޮޑަށް އޮތީ ނަޝީދުގެ ގަރާރާމެދުއެވެ.

އެގޮތުން ނަޝީދުގެ އެ ގަރާރަށް ރައީސް ސޯލިހްގެ ފެކްޝަނުން ތާއީދު ނުކުރާއިރު ނަޝީދު ވަނީ ކޮންގްރެސްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ސައްހަ ކަމާމެދު ވެސް ސުވާލު އުފައްދާފައެވެ.

ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލްއާއެކު މަޝްވަރާކުރެއްވިތަން ފެނުނެވެ. ނަމަވެސް މަޝްވަރާ ދެކެވުނު ވާހަކައެއް ސާފެއްނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާައަހުމަދު

    ދެން މަޖިލީހުން ނިންމާނީ ރިޔާސީ އިންތިހާބުގަވެސް ރައްޔިތުންް އަތްމައްޗަށް ނަގާގެން ވޯޓްލާން.

    2
    1