ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް އަންނަ ޑިސެމްބަރު ބާއްވަން ނިންމައިފިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފައިވާ ޖޭޕީން މިއަދު ބުނީ އެ ޕާޓީގެ ގައުމީ ކޮންފަރެންސް ބޭއްވުމަށް ވާންޖޭހޭ މުހިއްމު ތައްޔާރީތައް ޖޭޕީގެ ސެކްރެޓޭރިއޭޓުން މިހާރ ފަށާފައިވާ ކަމަށެވެ.

ސިޔާސީގޮތުން ޖޭޕީން ނިންމާ މުހިއްމު ނިންމުންތަކަށް ކޮށާލެވޭ މަގަކަށް މި ގައުމީ ކޮންފަރެންސް ވާނެކަމަށް އެންމެފަހުން ޖޭޕީން ކުނޫޒުގައި ބޭއްވި "ތައްޔާރު" ޖަލްސާގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ގައުމީ ޖަލްސާ ޑިސެމްބަރުގައި އޮންނާނެކަން ހާމަކޮށް ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހް ފޮނުވި މެސެޖްގައިވެ އެވެ.

‎ގައުމީ ކޮންފަރެންސް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވައިދާ އެއްގޮތަށް އެކުލަވާލާ ފުރިހަމަ ކުރުމަށްޓަކައި ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއެއް މިހާރު ނަގާފައިވާ ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.

އޭގެ އިތުރުން ‎ޕާޓީގެ ގޮފިތައް ހެދުމަށް އެ ފުރުސަތު މިހާރު ހުޅުވާލާފަކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިކަމަށްޓަކައި އެއްވެސް ފަރާތަކުން މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ޕާޓީ ރަޖިސްޓްރާގެ އޮފީހުންނާއި ޕާޓީގެ އިދާރާއިން އެމައުލޫމާތެއް ލިބެންހުންނާނެ. ‎ޕާޓީގެ މިދެންނެވި މަސައްކަތް ކުރުމަށް އެންމެހާ ބޭފުޅުންނަށް ފުރުސަތު އޮންނާނެ. އަދި މިކަމަށްޓަކައި ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމަށް ޕާޓީގެ އެންމެހާ ބޭފުޅުންނަށް ވެސް ފުރުޞަތު ފަހިވެފައި އޮންނާނެ" އަލީ ސޯލިހް ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ ޕާޓީން އެހެން ގޮތަކަށް ނުނިންމާ ނަމަ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ އެ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމެވެ. މި ގައުމީ ކޮންފްރެންސްގައި އެންމެ މުހިންމު ނިންމުމަކަށްވާނީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕާޓީން ނިންމާ ނިންމުންތަކެވެ.

ކިޔުންތެރިންގެ ހިޔާލު