ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މި ހަފުތާއަށް އެއްކޮށް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ލަފާކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މެޓު އޮފީހުން ބުނި ގޮތުގައި، ކުރިއަށް 24 ގަޑިއިރު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެއެވެ.

މިގޮތުން، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައި ވެއެވެ. އަދި މެދު ރާއްޖެތެރެ އާއި އުތުރަށް، ހުޅަނގާއި ހުޅަނގުން 15-25 މޭލުގެ ބާރަށް ވައި ޖެހޭއިރު، ދެކުނަށް 10-20 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގއިބ45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ނަމަވެސް، މި ހަފްތާ ނިމޭއިރު ވިއްސާރަ ކުޑަކޮށް އަލިވާނެ ކަމަށް ލަފާ ކުރެވެއެވެ. އެކަމަކު ވެސް ކަނޑުތައް ގަދަވާނެއެވެ. އެހެންވެ، ކަނޑުދަތުރު ކުރުމުގާ ސަމާލުވާން އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު