މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުޙައްމަދު (ޕެސްޓު)ގެ ޖީބުން މަސްތުވާތަކެތީގެ އިތުރުން 24,000 ރުފިޔާ ފެނުނު ކަމަށް ފުލުހަކު އޭނާއާއި ދެކޮޅަށް ހެކިބަސް ދެމުން ކޯޓުގައި ބުނެފިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ޕެސްޓް އަތުލައިގެންފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ ބޮޑު ފަސް ދައުވާއެއް އުފުލާފައެވެ. އެއީ:

  • - ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާ
  • - ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާ
  • - ކެނަބިސް ބޭނުންކުރުމުގެ ދައުވާ
  • - ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާ
  • - މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ

އެ ހުރިހާ ދައުވާއަކަށް ވެސް އޭނާ އިންކާރުކުރެއެވެ. އެކަމަކު، ދައުވާ ސާބިތުކުރަން ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

އެގޮތުން މިއަދު ވަނީ ޕެސްޓް ހައްޔަރުކުރި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ތިން ފުލުހެއްގެ ހެކިބަސް ނަގާފައެވެ.

ޕެސްޓާ ދެކޮޅަށް މިއަދު ހެކިބަސް ދިން ފުލުހަކު ބުނީ, އޭނާގެ ހަށިގަނޑު ބަލާ ފާސްކުރިއިރު ޖީބުން ނެގި ސިނގިރޭޓް ފޮއްޓެއް ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ކަމަށެވެ. އަދި އެއީ އޭނާ ބޭނުން ކުރަން ހުރި އެއްޗެހި ކަމަށް ބުނެފައިވާ ކަމަށް ވެސް ފުލުސް މީހާ ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ އިތުރުން ޕެސްޓްގެ ޖީބުގައި އޮތް ވޮލެޓުން 24,000 ރުފިޔާ ފެނުނު ކަމަށް ވެސް އެ ފުލުސް މީހާ ވަނީ ބުނެފައެވެ.

މަގުމަތިން ޕެސްޓު އަތުލައިގެން އޭނާ ދިރިއުޅުނު މއ. ވީވާގޭގެ ފުރަތަމަ ފްލޯއަށް ގެންދިޔައެވެ. އެ އެ ޕާޓްމެނެންޓަކީ ޕެސްޓް ދިރިއުޅޭ ތަންކަމަށާއި ޕެސްޓްގެ ޖީބުގައި އޮތް ތަޅުދަނޑިއަކުން އެތަން ހުޅުވި ކަމަށް ވެސް ފުލުސް މީހާ ވަނީ ބުނެފައެވެ.

ޕެސްޓް ގޮވައިގެން ފުލުހުން އެ ގެއަށް ގޮސް ވަތްއިރު އެތަނުގައި ތިން އަންހެނުންގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު ސުއައިދު ހުރި ކަމަށް ފުލުހަކު ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެ ގެއިން ވެސް މަސްތުވާތަކެއްޗާއި ފައިސާ ހޯދާފައެވެ.

މި ފަހުން ބޭސްފަރުވާއަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ޕެސްޓް ގޭބަންދަށް ބަދަލުކުރިއެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ ބޭސްފަރުވާއަށް ގޭ ބަންދަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައެވެ.