ރީ ރަޖިސްޓްރޭޝަން ފޯމު ފުރުމުގައި އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް މަކަރު ހަދަމުންދާ ކަމަށް ޕީޕީއެމްގެ ސެކްޓްރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން އެކި ފަރާތްތަކުގެ ނަމުގައި ފޯމު ފުރައި އެމްޑީޕީގެ ތިން ހަތަރު މީހެއްގެ ފިންގަރ ޕްރިންޓް ޖަހަމުންދާ ކަމަށާއި އަދި އެކި މީހުން ފުރާ ފޯމުތައް ލިބުމުން ވޯޓު ނުލިބޭނެކަން ކަށަވަރުވާނަމަ އެ ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ނުފޮނުވާ ނައްތާލަމުންދާ ކަމަށެވެ.

ރައްޔިތުންނަށް ލިބިފައިވާ ވޯޓު ލުމުގެ ހައްގަށް މިގޮތަށް އަރައިގަތުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ހަލީލް ވިދާޅުވިއެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގަނޑުބަނޑު ކުރި ގޮތަށް ރައްޔިތުން ވޯޓުން މަހްރޫމުކޮށްގެން އެ ފުރުސަތު މިފަހަރު ލިބޭނެކަމަށް ހީނުކުރުމަށް ހަލީލް ވަނީ ގޮވާލާފައެވެ.

ހަލީލް މިހެން ވިދާޅުވެފައިވާއިރު ރީ ރަޖިސްޓްރޭޝަން ފޯމު ފުރުމުގައި ޕީޕީއެމް އިން ވެސް މަކަރު ހަދަމުންދާ ކަމަށް އެމްޑީޕީން މީގެކުރިން ވަނީ ތުހުމަތުކޮށްފައެވެ.

މިފަދަ ތުހުމަތުތަކެއް ކޮށްފައިވާއިރު ރީ-ރަޖިސްޓަރ ކުރުމުގައި އޮޅުވާލުންތަކެއް ހުރިކަމުގެ ޝަކުވާ ލިބެމުންދާތީ، ރީ-ރަޖިސްޓަރޭޝަނަށް ހުށަހެޅޭ ހުރިހާ ފޯމެއްގެ ޞައްޙަކަން ކަށަވަރު ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ފޯރި ގަދަވަމުންދާއިރު، ހުރިހާ ސިޔާސީ ފަރާތްތަކުންވެސް އެންމެ ބާރުލާފައި ކުރަމުންދަނީ އެބަޔަކަށް ސަޕޯޓް ކުރާ ފަރާތްތަކުގެ ރީ-ރަޖިސްޓަރޭޝަންގެ މަސައްކަތް އިލެކްޝަނުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމާލެއްވުމަށެވެ. ރީ-ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހު ވަގުތަކީ 2018 އޮގަސްޓް 10 ވާ ހުކުރު ދުވަހެވެ.