ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގަވާއިދު މިހާރު އޮތީ 2015 ވަނަ އަހަރު ސިވިލް ސާވިސް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ރޫހާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރަސްމީ މަސައްކަތުގެ ގަޑީގެ ބޭރުން ވެސް ސިޔާސީ ކަމެއްގައި އުޅެފިނަމަ ސިވިލް ސާވިސް މުވައްޒަފުން މަގާމުން ވަކިކުރެވޭ ގޮތަށް އިއްޔެ ސިވިލް ސާވިސް ގަވާއިދު އާންމު ކުރިއިރު، އެއީ ކުރީގެ ސަރުކާރުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފަރުމާކުރި ގަވާއިދެއް ކަމަށް ސީއެންސީން ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ޚަލީލް "ވަގުތު" އަށް ވިދާޅުވީ ސިވިލް ސާވިސް ގާނޫނަށް އޭރު ގެނައި އިސްލާހު އޮންނާނީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބާއި، 2011 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ރޫޚާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ސިވިލް ސާވިސް ގާނޫނު ފުރަތަމަ ފާސްކުރިއިރު ވެސް ސިޔާސީ ކަންކަމުގައި ސިވިލް ސާވިސް މުވައްޒަފުން އުޅުން މަނާކޮށްފައިވެއެވެ. އެކަމަކު ސުޕްރީމް ކޯޓުގައި އެ މާއްދާގެ ސައްޚަ ކަމާ މެދު ސުވާލު އުފެއްދި މައްސަލައެއްގައި، އެ މާއްދާއަކީ ގާނޫނު އަސާސީއާ ޚިލާފު މާއްދާއެއް ކަމުގައި ކަނޑައެޅިއެވެ.

2011 ވަނަ އަހަރު ސުޕްރީމް ކޯޓުން އުވާލި ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާގައި ވަނީ "ދިވެހި ސިވިލް ސާވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ" ކަމަށެވެ.

"މިއީ ސުޕްރީމް ކޯޓުގެ ނިންމުމަށް ވެސް، ގާނޫނު އަސާސީއަށް ވެސް، ގޮން ޖަހައިފަ ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައި އޮތް ކަމެއް،" ހަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ މިހާރު ގަވާއިދަށް ގެނެވިފައިވާ އިސްލާހު އޮތީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކުރެވޭ ގޮތަށް، އަދި ސިޔާސީ ނުފޫޒު ވެސް އެ ކޮމިޝަނުން މުވައްޒަފުންނަށް ފޯރުވޭ ގޮތަށް ކަމަށެވެ.

ހަލީލް ވިދާޅުވީ ގޮތުން އެ ގާނޫނުގައި އަޅާނެ ފިޔަވަޅުތަކެއް ނޯންނާނެއެވެ. ގަވާއިދުގައި ބަޔާން ކުރާ ފިޔަވަޅުތަކަކީ އެއީ މި ސަރުކާރުން އެކުލަވާލާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

"ސިޔާސީ ވާހަކަ ދެއްކުން މިވަރަށް ފުޅާ ދާއިރާއެއްގަ މާނަ ކުރެވިދާނެ ކަމެއް. މިހާރު އޮތް ގޮތުން އެ ބޭފުޅުން ބޭނުންވާ ކޮންމެ ބަޔަކު ވަޒީފާއިން ވަކި ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ގިނަ ގާނޫނީ ވަކީލުން ވެސް ފާހަގަ ކުރައްވާ ގޮތުގައި، މިއީ ގާނޫނު އަސާސީއާ ޚިލާފަށް ގެނެވިފައިވާ އިސްލާހެކެވެ. އެއީ ގާނޫނުއަސާސީގެ އަސާސީގެ ހައްގުތަކުގެ ބާބުގައި ބަޔާން ކުރާ އެއްވެސް ހައްގެއް ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަން ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނައިރު، އިދާރާގެ ގަވާއިދަކުން އެ ކަން ނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލުން ފާހަގަ ކުރައްވައެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި މިހާރު ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން އެންމެ މެންބަރަކު ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިގެން އެމްޑީޕީގެ ސްޕަ މެޖޯރިޓީ އޮތް މަޖިލީހުން ރުހުން ދީގެން އެ މަގާމަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދުރގާ

    ސިވިލްސާވަންޓުން އެމީހެއްގެ ވަޒީފާއަށް އެއްބާރުލުންދީ ތެދުވެރިކަމާއެކު ކުރަންވާނެ އެހެންނަމަވެސް މިހާރު މިވަނީ ސިވިލް ސާވެންޓުންނަށް މަޖުބޫރުކޮށް އަޅުވެތިކޮށްފަ އެމީހުންގެ މުސާރައާ އުޅުމަށް ހަދަނީ ބޭނުންގޮތެއް މީރައީސްޔާމީނުގެ ދައުރު ކުރިވަރެއްނޫން އިންސާފެއްނެތް

  2. ބޮކި

    ކަލޭމެން ހޭވި ހަޑި އަދި ކަލޭމެންދޯ ހަޅޭލަވަނީ ؟

    2
    3
  3. މާމީ

    3 އަހަރު ވި އިރު ދޯ ހޭއެރީ ބުރާންތިތައް

  4. މާސްޓަރ

    ވަގުތުގަ އުޅޭ ދެކެނަ އ އާއ ޚަލީލް ފިޔަވާ ދެންތިބި މީހުންނަކީ ލިޔަންކިޔަން ނޭގޭ މީހުންނޯ!

    1
    1
  5. އެމްޕީ ޚަލީލް

    ޤާނޫނަށް ގެނެސްފައިވާ އިސްލާހް ގެ ސަބަބުން ސިޔާސީ ވާހަކަ އެއް ދެއްކިޔަސް އަދި ވަޒީފާ އިން ވަކި ނުކުރެވޭނެ. ސިވިލް ސަރވިސް ގެ ސެކްރެޓަރީ ޖެނެރަލް އަކީ ހުރީ މަޤާމު ގެ ކުފޫ ހަމަވެގެން ނޫން ކަން ވަރަށް ރަގަޅަށް ސާބިތު ވެއްޖެ. ވަޒީފާ އިން ވަކި ކިރެވޭނީ ކުށުގެ ދަރަޖައިގެ 3 ނުވަތަ ދެންހުރި ދަރަކަ ތައް ތަކުރާވާނަމައެވެ.