ބޮޑެތި މުއްސަނދިންނަށް ލަގްޒަރީ ކާރު ގެންގުޅެވޭ މިންވަރު ކޮންޓްރޯލް ކުރަން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ގޮވާލައްވައިފި އެވެ.

ޝަރީފް އެގޮތަށް ގޮވާލެއްވީ ދެ ފޮރޮޅަށް ވުރެ ގިނަ ފޮރޮޅުލީ އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ އުސޫލު ނުވަތަ އާންމުކޮށް ކިޔާ ނަމަ ގަރާޖު ސިޓީ ނިމުމަކަށް ގެންނަން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގެ ތެރެއިންނެވެ.

ޝަރީފް ވިދާޅުވީ މިހާރު މާލޭގައި ވެހިކަލްތައް ގިނަކަމުން އާންމު މީހާއަށް ސައިކަލް ޕާކު ކުރާނެ ޖާގައެއް ވެސް ނެތް ކަމަށެވެ.

އެހެންކަމުން މި ހާލަތައި ސައިކަލު އެތެރެކުރުން ކޮންޓްރޯލް ކުރަން ވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ މުއްސަނދިން ދުއްވާ ވެހިކަލް ތަކާއި ބޮޑެތި ވެހިކަލް މާ ގިނަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެކެއްގެ އަތުގައި ދިހަ ބާރަ ކާރު އޮންނަ ހާލަތުގައި އެކަންކަން ކޮންޓްރޯލް ކުރުމަށް މިހާރަށް ވުރެ ވެސް އިތުރު ފިޔަވަޅު އަޅަން ޖެހޭ. ބޮޑެތި މުއްސަނދިންނަށް ލަގްޒަރީ ބޮޑެތި ކާރުތައް ދުއްވުމުގެ ފުރުސަތު ވީހާވެސް ބޮޑަކަށް ކޮންޓްރޯލް ކުރުމަކީ މުހިންމުކަމެއް" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި އިސްލާހަށް ތާއިދު ނުކުރައްވާނެ ކަމަށާއި އެހެން ނަމަވެސް ވަކި އުސޫލެއްގެ ދަށުން މާލޭގައި ވެހިކަލް ކޮންޓްރޯލް ކުރަން ބިލެއް ހުށަހަޅައިފިނަމަ އެ ބިލަކަށް ތާއިދު ކުރައްވާނެ ކަމަށެވެ.

"މިހާރު މި [ބިލުގައި] ހުށަހަޅާފައި މި އޮތީ ހިފެހެއްޓުމެއް ނެތި އެ މީހަކު އެތެރެ ކުރާނެ އެއްޗެއް އެެއްޗެއް އެތެރެކޮށްގެން [ގެންގުޅެވޭ ގޮތަށް]. ކިހިނެއްތޯ މި ގޮތަށް ދުއްވާނީ. ބާއްވާނެ ތަނެއް ނެތް، ގަރާޖު ކުރާނެ ތަނެއް ނެތް" ޝަރީފް ވިދާޅުވި އެވެ.