އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހަދަން އިދިކޮޅު ޕީޕީއެމުން މިހާތަނަށް ނިންމާފައި ނުވާނެ ކަމަށާއި ކޯލިޝަން ހަދަން ޖެހުމުން ޖުމްހޫރީ ޕާޓީއާ ވެސް މަޝްވަރާ ކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވަނީ މިހާތަނަށް އެއްވެސް ޕާޓީއަކުން ކޯލިޝަން ހެދުމުގެ މަޝްވަރާކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން އެއްވެސް ބޭފުޅަކަށް ކޯލިޝަނަކާއިނުލާ ވެރިކަމަށް ވަޑައިނުގަނެވޭ ކަމަށާއި އެހެންކަމުން މިފަހަރު ވެސް ޕާޓީތަކުން ކޯލިޝަން ހަދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު، މިހާތަނަށް އެކަމުގައި މަޝްވަރާއަށް އެއްވެސް ޕާޓީއަކުން އައިސްފައިނުވާ ކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެއީ ގިނަ ކެންޑިޑޭޓުންނަށް އަދި ރިޔާސީ ޓިކެޓު ކަށަވަރުނުވާތީ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

"ޕަބްލިކަށް އެނގޭ ގޮތުން އަދި އަބްދުﷲ ޔާމީން އެކަނި. ދެން ތިބި ބޭފުޅުން އެބަ ވިދާޅުވޭ އަޅުގަނޑުމެން ކުރިމަތިލާނަމޭ. މިއަދާ ހަމައަށް އައި ހަގީގަތަކީ ކޯލިޝަން ނެތި އެއްވެސް ބަޔަކު ނުކުމެގެން ކާމިޔާބުވެފައި ނެތް. އެއީ 2008، 2013 އަދި 2018 ގައިވެސް." ގާސިމް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަދުރޭ ވިދާޅުވީ އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދާނެ ކަމަށް ޕީޕީއެމުން އެއްވެސް އިރެއްގައި ބުނެފައިނުވާނެ ކަމަށެވެ. އަދި، ކޯލިޝަން ހަދަން ޖެހުމުން ކޯލިޝަން ހަދާނެ ޕާޓީތައް ނިންމާނީ ޕީޕީއެމާއި ޕީއެންސީގެ ސެނެޓުން އެކަމާއި ދޭތެރޭގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ވިދާޅުވެފައިވާނެ ކޯލިޝަން ހައްދަވަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް" އޭނާ ވިދާޅުވިއެވެ.

އަދުރޭ ގަބޫލުކުރައްވާ ގޮތުގައި ކޯލިޝަން ހަދަން ޖެހުމުން އެކަން ކުރާނެއެވެ. އެކަމަކު، އޭނާ ވިދާޅުވީ ޕީޕީއެމުން އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ.

ޕީޕީއެމްގެ ޖަލްސާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދާނަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެކަމާއި މެދުގައި ގޮތެއް ނިންމާނީ ޕާޓީގެ ސެނެޓުގައި މަޝްވަރާ ކުރުމަށް ފަހު މުޅި ލީޑާޝިޕުން ކަމަށެވެ. އަދި އެ މަޝްވަރާ ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމުން އެހެން ޕާޓީއެއްގެ ފަހަތަކަށް ނާރާނެ. އެކަމަކު، އަޅުގަނޑުމެން ނުނިންމަން އެއްވެސް ޕާޓީއަކާއި އެއްކޮށް ކޯލިޝަން ނުހަދާކަށް. ކޯލިޝަން ހަދަން ޖެހުނީމާ އެކަން ކުރާނެ. އެކަމުގެ މަޝްވަރާކޮށް ޕާޓީގެ ސެނެޓުން ނިންމާނީ ކޮން ޕާޓީއަކާތޯ ކޯލިޝަން ހަދާނީ" އޭނާ ވިދާޅުވިއެވެ.

ކޯލިޝަން ހެދުމާ މެދު ޕީޕީއެމުން އަދި މަޝްވަރާ ކޮށްފައިނުވި ނަމަވެސް މަލްޓިޕާޓީ ޑިމަކްރަސީގެ ދަށުން ބޭއްވި ހުރިހާ ރިޔާސެއް އިންތިހާބެއް ވެސް ކާމިޔާބުކުރެވިފައިވަނީ ކޯލިޝަނަކަށެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް އެކަކަށް ގިނިކަންޏާ ނުކުމެ ކާމިޔާބު ކުރެވިދާނެ ކަމަކަށް ސިޔާސީ ބޭފުޅުން ގަބޫލެއް ނުކުރައްވަައެވެ.