ތ. ކަނޑޫދޫގެ އިސް މެޖިސްޓްރޭޓާ އަލީ ޝަރީފްއާ ގުޅޭ ގޮތުން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުށަހެޅި މައްސަލަ ސާބިތެއް ނުވިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކަނޑޫދޫގެ އިސް މެޖިސްޓްރޭޓާ ގުޅޭ ގޮތުން މިދިޔަ ހުށަހެޅު ސުލޫކީ މައްސަލައާ ގުޅިގެން 2020 ވަނަ އަހަރު އޮކްޓޯބަރު މަހު ނޯޓިސް ދިން ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލަ ބަލައި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަލީ ޝަރީފްއާ ގުޅޭ ގޮތުން ބެލީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް އެކި ކޯޓުތަކުގެ ގާޒީންގެ ސުލޫކީ މައްސަލަތައް ބަލައިފައި ވެއެވެ. އަދި ބައެއް ގާޒީންގެ ސުލޫކީ މައްސަލަތައް ސާބިތުވެ އެ ގާޒީންނަށް ނަސޭހަތް ދީ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގި އިރު ބައެއް ގާޒީން ސަސްޕެންޑްވެސް ކޮށް އަދި މަގާމުން ވަކިވެސް ކޮށްފައި ވެއެވެ.