އދ. ގެ އާންމު މަޖިލީހުގެ ރައީސްއަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވި އިރު އެމަނިކުފާނުގެ ހަރަދުތައް ބެލެހެއްޓީ އިންޑިއާ އިން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ އަދަދު އިތުރު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގެ ތެރެއިންނެވެ.

ސައީދު ވިދާޅުވީ ޝާހިދު ނިއު ޔޯކްގައި ހުންނެވި އިރު އެމަނިކުފާނުގެ ގޭގެ ކުއްޔާއި އަދި ޕޮކެޓް މަނީ ވެސް ދެމުން ދިޔައީ އިންޑިއާއިން ކަމަށެވެ.

ކުއްޔަށާއި ޕޮކެޓް މަނީއަށް އިންޑިއާއިން ދިން ކަމަށް ބުނާ އަދަދުވެސް ސައީދު ވިދާޅުވިއެވެ.

"ގޭ ކުއްޔަށް 50،000 ޑޮލަރު. ޕޮކެޓް މަނީއަށް 50،000 ޑޮލަރު. އަބްދުﷲ ޝާހިދު ވަށައިގެން ތިއްބެވީ އިންޑިއާގެ އިސް ފަރާތްތައް" ސައީދު ވިދާޅުވިއެވެ.

ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އިރު އިންޑިއާގެ އިސް ބޭފުޅުން ވަށައިގެން ބޮޑެތި މަގާމުތަކުގައި ތިއްބެވުމުން ވެސް ސައީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި ޝާހިދަކީ އިންޑިއާގެ ގޮނޑި ކޮއްކޮއެއް ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

"އިންޑިއާގެ ގޮނޑިއެއްގެ ގޮތުގައި ޔޫއެންޖީއޭގެ ގޮނޑިއެއް ބައިންދާފައި ރާއްޖެއަށް އިންޑިއާއިން ދޭން ބުނާ ހިލޭ އެހީތެރެއިން އެ ހަރަދުތައް ކަނޑާފަ އެހެރީ." ސައީދު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ދައުރު ޝާހިދުއަށް ހަމަވީ މިދިޔަ ހޯމަ ދުވަހުއެވެ.