ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުޑަކުރުމަށް މަޖިލީހުގެ އާންމު ކޮމެޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ފާސްކޮށްފިއެވެ.

މަޖިލިހުގެ ގަވައިދުގައި މިހާރު އޮތް ގޮތުން ދެވަނަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގެ އާންމު ކޮމިޓީން އެ ގަވައިދަށް ގެނައި ބަދަލާއެކު، ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ 16ގެ ނިޔަލަށެވެ.

އަދި ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 27 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ވެސް އާންމު ކޮމިޓީން ފާސް ކުރި އިސްލާހުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގާނޫނު އޮންނަ ގޮތުން ތިންވަނަ ދައުރަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ދައުރުތަކުގެ މުއްދަތަށް ބަދަލު ގެނެސްފައިވާއިރު ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާ މުއްދަތަކަށް ބަދަލެއް ނުގެނެއެވެ.

އާންމު ކޮމިޓީން ގެނައި މި ދެ ބަދަލަށް މިއަދު 13:00 ގައި އޮންނަ ދެ ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ވޯޓަށް އަހާނެއެވެ.