ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ އާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި ކޮރަޕްޝަނުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މައްސަލަ ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިި ވަނީ އެ ކޮމިޝަނަށް މެޖިސްޓްރޭޓް ސައީދުއާ ގުޅިގެން ހުށަހެޅިފައި ވަނީ، ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތު ނަގާ ކަމަށް ބުނާ މައްސަލަ ކަމަށެެވެ.

މި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހްގީގު ކުރަމުންދަނިކޮށް، ސައީދު ވަނީ މިމަހުގެ ހަވަނަ ދުވަހު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދީފައިކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު" ގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޝަނުން ބެލުމުގެ އިޙްތިސާސް ލިބިފައިވަނީ ފަނޑިޔާރެއްގެ މަގާމުގައި ހުރި ފަރާތެއްގެ ސުލޫކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ކަމަށްވާތީ، ސައދު މިހާރު ފަނޑިޔާރުކަމުގައި ހުރި ފަރާތަކަށް ނުވުމުން، އޭނާއާ ގުޅޭ ގޮތުން ތަހުގީގު ކުރެވުނު މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

"މިމައްސަލައިގެ ތަހްގީގު ހުއްޓާލާ މައްސަލަ ފައިލް ކުރަން ނިންމާ، އަދި މިމައްސަލަ ކޮމިޝަންގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ފެންނަކަމަށް 2022 ސެޕްޓެންބަރު 25 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 66 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ." ޖޭއެސްސީން ނެރުނު ނޫސްބަޔާނުގައިވެއެވެ.