ސަރުކާރު ހިންގަން ތިބީ "އެލް" ބޯޑު ޖަހައިގެން ތިބި ދަސްކުރާ ބައެއް ކަމަށާއި އެހެންވެ ޖެހެނީ އަބަދުވެސް ކުރާ އެއް ކަމެއް ތަކުރާރުކޮށް ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާދަމް ޝަރީފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަފުޅު ދައްކަވާފައެވެ.

ރަށްރަށުގެ އަންހެނުން ކޮމެޓީޓަކުގެ މެންބަރުން މާގިނައިން އިސްތިއުފާ ދޭތީ، އިރުއިރުކޮޅާ ބައިއިލެކްޝަން ބާއްވަން ޖެހުމުން އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓަށް ބާރުބޮޑުވެ، އަހަރަކު އެއްފަހަރު ބައި އިލެކްޝަންތައް ބާއްވަން ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. އެކަމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އަންހެނުން ކޮމެޓީގެ މެންބަރުން އެހާ އަވަސް އަވަހަށް އިސްތިއުފާ ދެނީ ކީއްވެގެންތޯ ބަލާ، ދިރާސާކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ސާޅީސް އަހަރު ކުރިން ވެސް ރކ ކޮމެޓީއާއި އކ ކޮމެޓީތައް އޮތް ކަމަށާއި އޭރުވެސް ކޮމެޓީތަކަށް މީހުން އިންތިހާބުކުރީ ރައްޔިތުން ވޯޓުލައިގެން ކަމަށެވެ. އެކަމަކު، އޭރުގެ ކޮމެޓީތަކުގެ މެންބަރުން އިސްތިއުފާ ނުދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް އެބަހުރި ދުވާލަކު އެއްފަހަރު އިސްތިއުފާއެއް ނުދެއްވާ. މަޖިލީސް މެންބަރުން ވެސް އެބަތިއްބެވި އިސްތިއުފާއެއް ނުދެއްވާ. ކައުންސިލް މެންބަރުން ވެސް އާންމުގޮތެއްގައި އިސްތިއުފާއެއް ނުދެއްވާ" އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ފެންނަމުންދަނީ ސަރުކާރެއް ހިންގަން ނޭނގޭ ބަޔަކު އެކަމާއި ހަވާލުވީމާ ވާނެ ގޮތް ކަމަށާއި މި ސަރުކާރަށް އަދި އޮތީ ހުރިހާ ކަމެއް ވެސް ކުރަން ދަސްކުރުން ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--ފޮޓޯ/ މަޖިލިސް
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--ފޮޓޯ/ މަޖިލިސް

"އެލް ބޯޑު ޖަހައިގެން ތިބޭ ބަޔަކު ސަރުކާރެއް ހިންގަން އައިމާ ދެން އަބަދުވެސް މިކަހަލަ މައްސަލަތައް ކުރިމަތިވާނީ. އަބަދު ވެސް ކުރި ކަމެއް އަލުން ކޮށްލަކޮށްލާ ތިބޭ ކަހަލަ ގޮތަކަށް މި ދިމާވަނީ."

އޭނާ ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން މަޖިލީހުގެ މަސައްކަތުގެ ތެރެއަށް ވަދެ، މަޖިލީހުގެ ހިންގުމަށް ހުރަސް އަޅައެވެ. އާދަމް ޝަރީފް ވިދާޅުވީ މިހާރު މަޖިލީސް ވެސް ހިނގަނީ ހަމަ ބިލެއް އަންނައިރަށް ފާސްކޮށްލާ އުސޫލުން ކަމަށާއި އެކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާއާއި ދޭތެރޭ އެއްވެސް ވަރަކަށް މެންބަރުން ނުވިސްނާ ކަމަށެވެ.

"މި މަޖިލީހަކީ މިހާރު ޕެރަލައިޒް ކޮށްލާފައި އޮތް މަޖިލީހެއް. މި މަޖިލީހަކުންނެއް ހަގީގަތުގައި ދެނެއް މި ގައުމަށް ފައިދާވާނެ ކަންތައްތަކެއް ނުކުރެވޭނެ." އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުން ނެރެން ބޭނުންވާ ފުރިހަމަ ނަތީޖާ ނުނެރެވޭ ކަމަށާއި ގިނަ މެންބަރުން މަޖިލީހަށް ހާޒިރު ވެސް ނުވާ ކަމަށެވެ. އަދި، މަޖިލީސް ހިނގަމުން ދަނީ ވެސް މިނިވަން ތަނެއްގެ ގޮތުގައި ނޫން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލެއް ފާސްކުރާނެ ކަމަށާއި ސަރުކާރު ބޭނުންނުވާ ގޮތަކަށް މަޖިލީހުން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. ކޮންމެ ކަމެއް ހަތަރު ފަސް ފަހަރު ކުރަން ޖެހެނީ އެހެންވެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ކަލޭމެންގެ ސަރުކާރު އޮތްއިރު ސަރުކާރުގައިތިބީ ހުރިހާކަމަކުން ޕީ.އެޗް.ޑީ. ހަދައިގެން ތިބި މީހުނެއްނު ؟ އެކަމަކު ތިޔަތިބީ ފޭލްވެގެން ބަޑުބިންމަތީ ޖެހިފައެއްނު ؟ ދެން ކޮން ސަޅިބައިސާ އެއް ކަޑާކަށް ؟ މޮޔަނުގޮވާ އަގަމަޑުންލައިގެން ހުރޭ !

  2. މަންޖެ

    ކަލޭމެންގޮތަށް ހަލާލެއް ހަރާމެއް ބަލާނުލާ ރުފިޔާގައި އަންހެނުން ނުޖެހޭތީ ޕްރެޝަރު ބޮޑުވެގެން އިސްތިއުފާދޭން މަޖުބޫރުވަނީ. އަމިއްލައަށްވެސް ތި ބުނެވެނީ ތިބޭފުޅުން ކޮރަޕްޓްވެފައި ހުރިވަރު.

  3. މުޖޫ

    ތިހާ ޝަކުވާ ބޮޑިއްޔާ މަނިކުފާނުވެސް އިސްތިއުފާ ދެއްވާފައި ގެޔަށްވަޑައިގަންނަވަން ވީ ނޫންތޯ؟