އެމްޑީޕީން ވެރިކަމަށް އައީ ގެއްލުވާލާފައިވާ މީހުންނާއި ރަހުމުކުޑަކޮށް މަރާލާފައިވާ މީހުންގެ މަރުތައް ސިޔާސީ ކޮށްގެން ކަމަށާއި އެކަމަކު، ވެރިކަމަށް ހަތަރު އަހަރު ފުރުނު އިރުވެސް އެންމެ މަރަކަށް ވެސް އިންސާފު ހޯދައި ނުދެވުނު ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

ސަލީމް އެގޮތަށް ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަތާ ދެ ހަފުތާ ފަހުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވޯޓާ ޕާކް ކުރިމަތިން ހުޅަނގު ފަރާތުގައި އޮންނަ ގަސްގަނޑު ތެރެއިން މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ މަރުގެ މައްސަލަ ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސަ ކުރައްވަމުންނެވެ.

އަޒްހާންގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށާއި، އަދި މަރުތަކުގެ މައްސަލަތައް ހައްސާސް މައްސަލަތަކެއް ގޮތުގައި ބަލާ، ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރަން ގޮވާލާ މިއަދު މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އޭނާގެ ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތީ 25 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް 11 މެމްބަރުން ވޯޓު ދެއްވިއެވެ. މި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީން އޮތީ ވިޕްލައިނެއް ވެސް ނެރެފައެވެ.

މައްސަލައަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ އަޒްހާންގެ އިތުރުންވެސް ވަރަށް ގިނަ ބަޔަކު މިދިޔަ ހަތަރު އަހަރު ތެރޭގައި މަރާލެވިފައިވާ ކަމަށެވެ. އެކަމަކު، އެއިން އެންމެ މަރަކަށް ވެސް އިންސާފު ހޯދައިދެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސަރުކާރު ވުޖޫދަށް އައީ އެންމެ ބޮޑަށް މި މަރުތައް ވިއްކައިގެން. އަޅުގަނޑުމެންނަށް ރިލްވާންގެ ވާހަކަ ދެކެވުނު. ޑރ. އަފްރާޝީމްގެ ވާހަކަ ދެކެވުނު. ޔާމީންގެ ވާހަކަ ދެކެވުނު. މި ކަންތަކަކީ އޭރުގައި މި ސަރުކާރު އަންނަން ވެގެން ހަގީގަތުގައި އެންމެ ގަދައަށް ވާހަކަދެއްކި ކަންތައްތައް" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކުރީ ސަރުކާރުގައި ހިނގި މަރުތަކުގެ މައްސަލައިގައި މި ސަރުކާރަށް އާ އެއްވެސް ކަމެއް ހޯދިފައިނުވާ ކަމަށެވެ. އެހެންވެ، އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ދެކެވެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި އެއީ އިހުލާސްތެރިކަމާއެކު ނަތީޖާއެއް ހާސިލުކުރުމަށް ދައްކާ ވާހަކައެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"މި މަރަކީ އާދައިގެ އެއްޗެއް ނޫން. ހަމަ ކުއްލި ގޮތަކަށް އާދަޔާ ހިލާފަށް މީހުންތައް މަރުވަމުން އެދަނީ. މިކަން މިވަނީ ކިހިނެއްތޯ، ކޮން ސަބަބަކާއި ހުރެތޯ، ބަޔަކު މަރާލަނީތޯ ގަސްތުގައި ނޫނީ އަމިއްލައަށް މަރުވަނީތޯ ނޫނީ އެހެން މައްސަލައެއްގެ ތެރޭގައި މަރުވަނީތޯ، މި ހުރިހާ ކަމެއް އަޅުގަނޑުމެން އެބަޖެހޭ ދިރާސާކޮށް ބަލަން" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މަރުތަކަށް އިންސާފު ހޯދަން ސަރުކާރުން އެކަށޭނެ މަސައްކަތެއް ކުރާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    އެމްޑިީޕީބުނާއެއްކަމެސްވެސް ދިމާނުވާނެއެވެ. ޔާމީނުލޯނުދަންތުރައެއްގައި ޖައްސާފިޔޭބުނެ އިބޫއައީ އެކަމަކު ޔާމީނަށްވުރެ 10 ގުނަލޯނު އިތުރަށް މި 4 އަހަރުތެރޭނަގައިފިޔެވެ. އަދި 1 އަހަރު އެބައޮތެވެ. ހިންގި މެގަޕްރޮޖެކްޓެއްނެތެވެ. ކުރާކަމަކީ މަގުހެދުން، ފެނާނަރުދަމާއެޅުން ކުރިންވެސް ދުއްވަމުންއައި ބަހުގެ ޚިދުމަތަށް 2 ބަސްއިތުރުކުރުން، އެސްޓީއޯއިން ކާޑުގެބާވަތާއި ތެޔޮއެތެރެކުރުން މިއީ ހުރިހައި ސަރުކާރަކުންވެސް ކުރަމުންއައި ކަންކަމެވެ.

    5
    1
  2. ވިކިލީކްސް

    އިންސާފަކީ ވަކިބަޔަކަށްވީމަ އޮންނަ އެއްޗެއް. އެހެންނަމަވެސް މައުމޫނުގެ ވެރިކަން ވައްޓާލައި، އޭގެފަހުން އައި އެއްވެސް ވެރިކަމެއްގަ ރައްޔިތުންނަށް ލިބުނު އިންސާފެއް ނެތް. ރެޑްވޭވް ސަލީމަށް މިކަން ގަބޫލުކުރެވޭނެ. އެއްވެސް ސަރުކާރެއްގައި އިންސާފުން ކަންތައް ކޮށްފައެއް ނެތް. ފުލެޓު ދިނަސް، ސަބްސިޑީ ދިނަސް، ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލުކުރިޔަސް، އަދި ކޮބާ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނަސް މިއިން އެއްވެސް ކަމެއް އިންސާފުން ކޮށްފައެއް ނުވޭ.

  3. ދިވެހި ޒުވާނުން

    ޕާޓީގެ މޮޔަ ކުދިންލައްވައި ގައުމުގެ ކިތައް މީހުންގެ ފުރާނަ ދުއްވާލައިގެން އުޅޭ ބައެއްބާ ޕާޓީތަކުގެ ވެރިންނަށް މި އުޅެނީ ހިތައް އަރާ، ރާވާލައިގެން "މަރު" ސިޔާސީ ކަންކަމުގައި ވާދަ ކުރަން ގޮވާ ގޮއްވިއްޔަކަށް މަރު ހަދަންވެގެން ކުރި ކަމެއްކަން ނޭގޭދޯ