ވިލިމާލޭ އަދި މާލޭގައި ބެޓެރި ވެހިކަލްތަކަށް ބޭނުންވާ ޗާޖިންގ ސްޓޭޝަންތައް ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ކުރި އިއުލާނެއްގައި ވިދާޅުވީ ތިމާވެއްޓާއި ރައްޓެހި ވެހިކަލްތައް ބޭނުންކުރުމަށް އާންމުންގެ މެދުގައި ޝައުޤުވެރިކަން އުފެއްދުމަށާއި މިފަދަ ވެހިކަލްތައް ބޭނުންކުރާ ފަރާތްތަކަށް ޗާޖުކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމުގެ ބޭނުމުގައި ޗާޖިންގ ސްޓޭޝަންތަކެއް ބެހެއްޓުމަށް ކައުންސިލުން ބޭނުންވާތީވެ، ވިލިމާލޭ އަދި މާލޭގައި ބެޓެރި ވެހިކަލްތަކަށް ބޭނުންވާ ޗާޖިންގ ސްޓޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް އިއުލާނުގައި ވަނީ އެދިފައެވެ.

މި ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު އެވެ. ބިޑް ހުށަހެޅުން އޮންނާނީ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހު އެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

ތިމާވެއްޓާއި ރައްޓެހި ވެހިކަލްތައް ބޭނުންކުރުމަށް މަގުފަހި ކުރުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ސިޓީތަކުގައި ވެސް ޗާޖިން ސްޓޭޝަންތައް ހަދާފައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންތި

    ތިމާވެއްޓާއި ރައްޓެހި ވެހިކަލްތައް ޗާޖު ކުރާނެ ކަރަންޓް އުފައްދަނީ ތެޔޮ އަންދައިގެން އަދި މިކަމުގެ ސަބަބުން ވިހަ ދުން ޖައްވަށް ބޭރުވާ ނިސްބަތްވެސް އިތުރުވާނެ.