ރަށްރަށުގެ ކައުންސިލާއި އަންހެނުން ކޮމެޓީތަކުގެ ބައި އިލެކްޝަން ގަނޑުކޮށް ބޭއްވުމުގެ ބަދަލުގައި، އިލެކްޓްރޯނިކް ވޯޓިން ނިޒާމެއްގެ ދަށުން އެ އިންތިހާބުތައް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދުގެ ޖަލްސާގައި ގޮވާލައްވައިފިއެވެ.

ރަށްރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް މާގިނައިން ބާއްވަން ޖެހުމުގެ ސަބަބުން ހަރަދުތައް ބޮޑުވެފައިވާ ކަމަށްބުނެ، ސަރުކާރުގެ ފަރާތުން ވަނީ އެ އިންތިހާބުތައް ގަނޑުކޮށް، އަހަރަކު އެއް ފަހަރު ބޭއްވުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަނީ ކައުންސިލް ނުވަތަ ކޮމެޓީގެ ކޯރަމް ހަމަވާނަމަ، ބައި އިލެކްޝަން އަހަރަކު އެއް ފަހަރު ބޭއްވުމަށެވެ.

އެ އިސްލާހަށް ބަހުސް ކުރައްވަމުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑޭ ވިދާޅުވީ ބައި އިލެކްޝަންތައް މާގިނައިން ބާއްވަން ޖެހުމުން ހަރަދު ބޮޑުވާ ވާހަކަދައްކާއިރު އެ ހަރަދާއެކީގައި އިންތިހާބުތަކުން ވަރަށް ގިނަ ފައިދާތަކެއް ވެސް ރައްޔިތުންނަށް ކުރަމުންދާ ކަމަށެވެ. އަދި، އެއީ ދައުލަތަށް އެހާމެ ބޭނުންތެރި ހަރަކާތެއް ކަމަށެވެ.

"ހަމައެކަނި ހަރަދު ބޮޑުވާނެތީ މިކަން މިހެން ކުރުމުން ނުކުންނާނެ ނުރަނގަޅު ނަތީޖާތަކެއް ވެސް އެބަހުރި." އޭނާ ވިދާޅުވިއެވެ.

އެހެންވެ، ވައްޑޭ ވިދާޅުވީ އެކަން ހައްލުކުރުމަށް އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. މިގޮތުން ހަރަދު ކުޑަކޮށް އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމުގެ ތެރެއިން އެ އިންތިހާބުތައް ބާއްވަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ގައުމީ ފެންވަރުގެ އިންތިހާބުތައް އީވޯޓިންގެ ނިޒާމުން ނެގުމަށް، މިފަދަ އިންތިހާބުތަކުން ފެށުމަކީ ބުއްދިވެރި ގޮތެއް ކަމަށް ވެސް އޭނާ ގަބޫލުކުރައްވައެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) - ފޮޓޯ: މަޖިލިސް
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) - ފޮޓޯ: މަޖިލިސް

"އަޅުގަނޑުމެން ގައުމީ އިންތިހާބުތައް ބާއްވާފައި، ފުރަތަމަ ބައި-އިލެކްޝަންތައް ވަކިވަކި ރަށްރަށުގައި މި ބޭއްވޭ މިކަހަލަ އިންތިހާބުތައް އަޖުމަ ބެލުމަށްޓަކައި ނުވަތަ އިތުބާރު ހޯދުމަށްޓަކައި ނުވަތަ އަހުލުވެރި ކުރުވުމަށްޓަކައި އީ ވޯޓިން އަށް ދިއުން އެއީ ވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް"

"އެކަން ކުރެވިއްޖެ ކަމުގައިވާނަމަ ޕްރިންޓުކުރުމަށާއި ލޮޖިސްޓިކްސް އަށް ހޭދަވާ ހަރަދުގެ ވަރަށް ބޮޑު އިންސަންތައެއް އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭނެ. ހަމައެއާއެކީގައި ގައުމީ އިންތިހާބުތަކުގައި އީވޯޓީން އަށް ދެވިދާނެ ކަމުގެ އިތުބާރު ކުރިޔަށް އޮތްތަނުގައި ހިފެހެއްޓުމަށްޓަކައި ވެސް ރަނގަޅު މަގަކަށް އެކަން ވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ހަމަ ދެވަނަ ވިސްނުމަކަށް ދިއުމަށްޓަކައި ގޮވާލަން" ވައްޑޭ ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ބޮންޑޭ ވިދާޅުވީ އިލެކްޓްރޯނިކް ވޯޓިން ނިޒާމަށް މީހުން އަހުލުވެރިކުރުމަށް އަދި އިތުބާރު ހޯދުމަށްޓަކައި ބައި އިލެކްޝަންތައް އެ ނިޒާމުން ފެށުން އެއީ ރަނގަޅު ކަމެއް ކަމަށެވެ. އަދި، މި ޒަމާނުގައި ހުރިހާ ކަމެއްގެ ހައްލު ވެސް އޮތީ ޓެކްނޮލިޖީއާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

"ދަތުރުފަތުރާއި މި ހުރިހާ ނިޒާމެއްގެ ހައްލަކީ ޓެކްނޮލޮޖީ. އެހެންވީމާ އެ ނިޒާމުގެ ދަށަށް ދިއުމަށްޓަކައި އަޅުގަނޑުމެން ފުރަތަމަ ދާންވީނުންތޯއޭ މި އިންތިހާބުތައް އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގެ ތެރެއަށް. ދިޔައިމާ ހައްލުވީ" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި ބައި އިލެކްޝަންތަކަކީ ރަށްރަށަށް ވަރަށް ފައިދާހުރި ހަރަކާތެކެވެ. އެހެންވެ، މި ބިލުގެ ބަހުސްގައި ބައިވެރިވި ގިނަ މެންބަރުން ވަނީ އެ ބިލަށް ތާއީދުނުކުރައްވާކަން ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އޭތް

    އީ ވޯޓިން! ސަމާލު! އެއުޅެނީ އިންޑިޔާގެ އީވީއެމް މެޝިން ގެނެސްގެން ގަނޑުގަންނަން. ސަމާލު!

  2. ޑައެލޯގް

    އެމްޑީޕީގެ ސަރުކަރެއްގައި އީވޯޓިންގ ބާއްވަންވެސް އޯކޭއެވެ. އޭރަށްތާ ވޯޓުން ވައްކަންކުރެވޭނީ އެހެންބަޔަކު ވެރިކަމުގައި ހުރިނަމަ އެމްޑީޕީބުނާނެ އީވޯޓިންގުން ވައްކަންކުރެވޭނެޔޭ

  3. މުބީނު މާރނީ

    އެމެރިކާ ގައި އެންމެފަހުން ބޭއްވި އިންތިޙާބު ގައި އީ-ވޯޓިންގ ބޭނުންކޮށް، ވަރަށް ބޮޑަށް މަކަރު ހެދިކަމަށް ފަޅާއަރާފައިވެއެވެ.

  4. ސައުދީ

    ކުރިއަށްއޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެތީ ގޭމެއް ޖެއްސޭތޯ ބަލަނި.

    3
    1
  5. ނަޒީ

    އިންޓެގުރިޓީއާއި މެދު އިތުބާރެއްނެތް އިލެކްޝަނާ ބެހޭ މުއައްސަސާތަކެއް އޮއްވާ އީވޯޓިން ގަބޫލެއް ނުކުރެވޭނެ. އެމްބަސީތަކުގަ ތިބޭ މިހުންގެ އާދަޔާއި ޚިލާފު އެލަވަންސުތަކާއި މުސާރަތަށް ސަރުކާރުގެ އެހެން އިދާރާތަކުގެ މީހުންނާއި ގާތައް ތިރިކޮއް ހަމަހަމަކޮއް..ދައުލަތުގެފައިސާއިން މިކުރެވޭ އިސްރާފު ކުޑަކޮއްފަ އިލެކްޝަން ބާއްވާ.