ދީނީ ފަތުވާ ދެއްވުމަށް ރާއްޖެ ވަޑައިގެން ހުންނެވި މުފްތީ މެންކު މި ފަހަރު ދެއްވާ އެންމެ ފަހު ދަރުސް މިރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ޒިމްބާބުވޭގެ ދީނީ އިލްމުވެރިޔާ މެންކް ހުޅުވާލޭގައި ދެއްވާ ހާއްސަ ދަރުސް އޮންނާނީ މިރޭ 8:45 ގަ އެވެ. އެ ދަރުސްގެ މައުލޫއަކީ "އާއިލީ މައްސަލަތަކާއި ކުރިމަތިލުން" އެވެ.

މީގެ ކުރިންވެސް މުފްތީ މެންކު ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން މާލެ އާއި އަދި އެހެން ބައެއް ރަށްތަކުގައި ދަރުސްތައް ދެއްވާފައި ވެއެވެ.

ޒިމްބާބްވޭގެ ހަރާރޭއަށް އުފަންވެ ވަޑައިގެންނެވި މުފްތީ މެންކް އަކީ ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ނުފޫޒުގަދަ 500 އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މުފްތީ މެންކް ފާހަގަ ކުރެވެނީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ވަރަށް ބޮޑަށް ތަގުރީރު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭގެ އިތުރުން ކްރިސްޓިއަން ދީނާއި އަދި އެހެން ދީންތަކުގެ މީހުންނާއި ދެކޮޅަށް ވެސް ހަމަނުޖެހުން ނުހިންގާ ސުލްހަވެރިކަން އިސްކުރަން އޭނާ ވަރަށް ގިނަ ދަރުސްތަކުގައި ނަސޭހަތްތެރިވެ ވަޑައިގަންނަވައެވެ.