ގެވެށި އަނިޔާއާއި އަނިޔާވެރި ދިރިއުޅުމެއްގައި ދަރިން އުޅޭނަމަ އެފަދަ ދިރިއުޅުމަކުން ދަރިން ސަލާމަތްކުރުމަށް މައިންބަފައިން މަސައްކަތް ކުރަންޖެހޭކަމަށް ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮތް ދަރުސްގައި މުފްތީ މެންކް ތަޤްރީރުކުރައްވާފައި ވަނީ "އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް" މި މައުލޫއަށެވެ.

މުފްތީ މެންކް ވިދާޅުވީ މާތް ﷲ އިންސާނާއަށް އަންގަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއިއެކު ގާތްތިމާގެ މީހުންނަށް އަޅާލާ ހެޔޮކޮށް ހިތުމަށްކަމަށް ވިދާޅުވަމުން ހަޤީޤީ ލޯތްބަކީ އެތައް ކަމެއް ޤުރުބާން ކޮށްފައިވެސް އެމީހުންނާއިއެކު އޮންނަ ގުޅުން ބަދަހިކޮށް އެކީގައި އުޅުންކަމަށެވެ. ލޯތްބަކީ އެކަކު އަނެކަކަށް ބެހެއްޓޭ ގާތްކަމާއި ކުލުނަށްވާއިރު ހަމަ އެ ލޯތްބަކީ ވޭނަކަށްވެސް ބައެއްފަހަރު ވާކަމުގައި ވިދާޅުވިއެވެ.

އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތަށް ބައްލަވަމުން މުފްތީ މެންކް ވިދާޅުވީ ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިއުލާންކޮށް، އާއިލާއި ރައްޓެހިންނާ ހަމައަށް އެވާހަކަތައް ގެންދިއުމުގެ މާނައެއް ނެތްކަމަށެވެ. ދިރިއުޅުމުގައި މައްސަލައެއް ޖެހޭއިރަށް އަނެކަކު ކުށްވެރިނުކޮށް މައްސަލަ ހައްލުކުރުމަށް އެކަކު އަނެކަކަށް މަސައްކަތްކުރަންޖެހެނީ އިޚްތިރާމާއިއެކުކަމަށް ވިދާޅުވިއެވެ. އެއީ ގާތްތިމާގެ މީހުންގެ މެދުގައި ދިމާވި މައްސަލައެއްނަމަވެސް އެ މައްސަލައެއްގެ ދެކޮޅު ހޯދައި، ހައްލުކޮށް އަލުން އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް އަޒުމްކަނޑައަޅަން އެދިވަޑައިގެންނެވިއެވެ.

"ކައިވެނީގައި ދިމާވާ މައްސަލަތަކަކީ އާއިލާއާއި ރައްޓެހިންނާއި ދުނިޔެއަށް އަންގަން ޖެހޭ ކަންކަމެއް ނޫން. އެފަދަ ކަންކަމުގެ ސަބަބުން އިތުރު މައްސަލަތައް ހިލުން ނޫންކަމެއް ނުވާނެ. ދެމަފިރިންގެ ދެމެދުގައި އެ މައްސަލައެއް ހައްލުނުކުރެވޭފަދަ ހާލަތަކަށް ހިނގައްޖެނަމަ އާއިލާގެ މަޝްވަރާހޯދާ އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ. އެހެންނަމަވެސް އެއްވެސް ކަހަލަ އަނިޔާވެރިކަމެއް ނުވަތަ ގެވެށިއަނިޔާގައި ތިމާގެ ދަރިފުޅު، އާއިލާގެ މީހަކު ނުވަތަ ގާތްބަޔަކު އުޅޭކަން އެނގޭނަމަ އެކަމުން އެ މީހަކު ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭނެ. ހާއްސަކޮށް ތިމާގެ ދަރިއަކު އެފަދަ ހިތްދަތި ދިރިއުޅުމެއްގައި އުޅޭކަން އެނގޭނަމަ އެ ދަރިފުޅު ގެއަށް އައުމަކީ މައްސަލައެއް ނޫންކަން ހުދު މައިންބަފައިން އެ ދަރިފުޅަށް ވިސްނުވައިދޭންޖެހޭނެ. އެއީ އަނިޔާއަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫން." މުފްތީ މެންކް ވިދާޅުވި އެވެ.

މުފްތީ މެންކް ވިދާޅުވީ ވަރިވުމަށްފަހު ވަރަށް ގިނައިން ދަރިން އެކަކު އަނެކަކަށް ނުދައްކާ އެފަދައިން ކަންތައް ކުރާތަން މުޖުތަމައުތަކުން ފެންނަކަމަށާއި އެހެންނަމަވެސް ދަރިން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެކަމަށެވެ.

އަދި ހަމަ އެހެންމެ ކުދިކުދި ކަންތަކާ ވަރިކުރުމަށް އިންޒާރު ދިނުމާއި ނޫނީ ވަރިކުރުމާއި، ވަރިއަށް ކިޔުމަކީ ވަރަށް ގިނައިން ކުރެވޭކަމެއްކަން ފާހަގަކުރައްވާ މި ނުބައި އާދައިން ދުލުހެލިވުމަށް ގޮވާއިލެއްވިއެވެ.

ދަރިންގެ މުސްތަގުބަލާއިމެދު ވިސްނާއިރު މައިންބަފައިންނަކީ އެ ދަރިންނަށްޓަކައި ހުރިހާ އުފަލެއްވެސް ގުރުބާންކުރަން ތިބި ބަޔަކަށްވާއިރު، އާއިލާއިން ނިންމައިގެން ކުރުވާ ކައިވެންޏާއި އެމީހަކު ބޭނުންވެގެން ކުރާ ކައިވެނީގެ ވާހަކަ ވަރަށް ގިނައިން ދެކެވޭކަމަށާއި އާއިލާއިން ނިންމައިގެން ކުރާ ކައިވެނީގައި ކައިވެނިކުރާ ދެމީހުން ކައިވެނި ކުރާ ދުވަހު ފެނުމަކީ ގޯހެއްކަމަށް މުފްތީ މެންކް ވިދާޅުވި އެވެ. އޭގެ ބަދަލުގައި އާއިލާއިން ދަރިފުޅުގެ ކައިވެންޏަށް ވަކި މީހަކު ކަނޑައަޅާފައިވާނަމަ އެމީހަކު ދަރިފުޅާއި ބައްދަލުކުރުވައި ވާހަކަދައްކުވައި އެދެމީހުން އެކަކު އަނެކަކަށް ހިތްހަމަ ޖެހޭތޯ ބަލަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަމިއްލަ ދަރިފުޅު އެފަދަ ކައިވެންޏަކަށް ނޫނެކޭ ބުނެފި ނަމަ އެކުއްޖާ ދެކެ ހިތްހަމަ ނުޖެހި، ރުޅިއައިސްގެން ނޫޅެ، އެކުއްޖާގެ އިހްސާސްތަކަށްވެސް އިހްތިރާމްކުރުމަށް ވިދާޅުވިއެވެ.

މުފްތީގެ މި ދަރުސްގައިވަނީ ބެލެނެވެރިންނަށް ސުވާލެއްކުރައްވާފައެވެ. އެއީ ތިމާގެ ދަރިފުޅު އޭނާ ހިތްހަމަޖެހޭ ފަދަ މީހެއް ފެނިއްޖެނަމަ މައިންބަފައިން ގާތު އެވާހަކަ ބުނަން ކެރޭނެތޯ މި ސުވާލެވެ.

ޖަވާބުގައި ވިދާޅުވީ މައިންބަފައިން ދަރިންނާއި އޮންނަ ގުޅުން ބަދަހިކޮށް އެކުދިންގެ ވިސްނުމާއި އެއްވަރަށް ތިރިވެ އެކުދިންނަށް ވިސްނުވައިދޭން ޖެހޭ ހާލަތެއްނަމަ އެގޮތަށް ކަންތައްކުރުމަށެވެ. އެހެންކަންތައް ކުރާނަމަ އެކުދިންނަށް ބައިންބަފައިންނާއި މިފަދަ ވާހަކަ ހިއްސާކުރަން އުނދަގުލަކަށް ނުވާނެކަމަށް ވިދާޅުވެ އެކުދިންގެ ރަޢުޔު ބުނުމުން ރުޅިވެރިބަސްތައްބުނެ، އުމުރުގެ އެހިސާބަށް އައިއިރު ކޮށްދިން ކަންތައްތައް ކިޔައި އެކުދިންގެ ހިތް މަރުވާފަދަ ބަސްތައް ނުބުނުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"ބައެއް ކުދިން މައިންބަފައިންދެކެ ބިރުން މައިންބަފައިން ބުނާ މީހަކާ ކައިވެނިކުރާއިރު، ބައެއް ފަހަރު އެކުދިން ހިތްހަމަޖެހޭ މީހާއަކީ ފަޤީރު ނިކަމެއްޗަކަށްވާތީ، ނުވަތަ ހަމުގެ ކުލަ ތަފާތު މީހަކަށްވާތީ ނުވަތަ އެމީހާގެ ހުންނަ ނުކުޅެދުންތެރިކަމާއިހުރެ މައިންބަފައިން ހިތް ނުރުހޭ މަންޒަރުވެސް ފެންނޭ. އެހެންނަމަވެސް އަމިއްލަ ދަރިފުޅަށް ބޭނުންވަނީ އެކުއްޖާއަށް އަޅާލާ، އިހްތިރާމްކުރާ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެންމެ ގާތުގައި ހުންނަ މީހެއް ނޫންތޯ؟. ދަރިންނާއި ކައިވެނިކުރަން އަންނަ މީހަކީ ހެޔޮލަފާ، ދީންވެރި ރަނގަޅުމީހެއް ނަމަ އެމީހާގެ ކުލައަށް، ހާލަތަށް، ނޫނީ ހުރި ގޮތަކަށް ބަލަން ނުޖެހޭނެ." މުފްތީ މެންކް ވިދާޅުވި އެވެ.

މައިންބަފައިން ކުޑައިރު ބޭނުން ނުވާ މީހަކާއި ކައިވެނިކުރުވުމުން އެގޮތަށް މުޅި އުމުރު ހޭދަކުރިހެން އަމިއްލަ ދަރިން އެ މަގުން ދިޔަ ނުދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިހާރު ވަގުތާއި ހާލަތު ބަދަލުވެއްޖެކަމަށާއި އެހެންކަމުން ޒަމާނާއި އެއްގޮތަށް ދަރިންގެ ކަންކަމުގައި އިސްލާމްދީން ބާރުއަޅާފަދައަކުން ކުރިއަށް ދިޔުމަށް އެދިވަޑައިގެންނެވިއެވެ.