އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކާއި ނައިބު މުގައްރިރަކު މިއަދު އިންތިހާބުކޮށްފިއެވެ.

ބަޖެޓު ދިރާސާ ކޮމިޓީ އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ މެމްބަރުންގެ މައްޗަށެވެ. ބަޖެޓު ދިރާސާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފައެވެ.

މި ބައްދަލުވުމުގައި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް އިންތިހާބުކޮށްފައި ވަނީ ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނާޝިޒެވެ. އަދި ނައިބު މުގައްރިރަކަށް ހަމަޖެއްސީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

މި ދެ ބޭފުޅުން މަގާމަށް ހަމަޖެއްސުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 19 މެމްބަރުންގެ އިއްތިފާގުން ވަނީ ދެ މެމްބަރަށް ރުހުން ލިބިވަޑައިގެންފައެވެ.

ނާޝިޒް ވަނީ 2020، 2021، އަދި 2022 ގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވައިފައެވެ. އޭނާއަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ވެސްމެއެވެ.

މަޖިލިހުގެ ބަޖެޓު ކޮމިޓީ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 170 މިލިއަން ރުފިިޔާ މަދު އަދަދެކެވެ. މި އަހަރު ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓް 42.8 ބިލިއަން ރުފިޔާ އަށް އަރާނެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި 29 ބިލިއަން ރުފިޔާ ހޭދަ ކުރާނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އެއީ ބަޖެޓްގެ 70 އިންސައްތައެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

އަންނަ އަހަރަށް ލަފާކުރާ އާމްދަނީ ނުލިބި އަދި ހަރަދުތައް ކުޑަނުކޮށްފި ނަމަ އަންނަ އަހަރުގެ ބަޖެޓް ދަރަނި 14 ބިލިއަން ރުފިޔާއަށް އަރާފާނެކަމުގެ ބިރު އެބައޮތެވެ.

އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުގެ ގޮތުގައި ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާ އެވެ. އަންނަ އަަހަރު ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ބަލާފައި ވަނީ 23.5 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން ގޮތުގައި 6.5 ބިލިއަން ރުފިޔާއެވެ. އެއާއެކު ބަޖެޓުގެ ދަރަންޏަކީ އަށް ބިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަޑީ

    ސޯލިހާ ބޫރޯގެ 2 އެޖެންޓު ކޮމިޓީ ހިސޯރުކުރީ

  2. ކަޑޭ

    ސުބުޙާނައްﷲ މިހާރު މިތިބަ ޙާލުގައި ވެސްތިބެވޭނެހެނެެއް ހިއެެއް ނުވެއި ކައި ހުސްކުރަނީ

  3. ސަމްކުޅިބޭ

    މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން
    މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.
    އަންނަ އަހަރަށް ލަފާކުރާ އާމްދަނީ ނުލިބި އަދި ހަރަދުތައް ކުޑަނުކޮށްފި ނަމަ އަންނަ އަހަރުގެ ބަޖެޓް ދަރަނި 14 ބިލިއަން ރުފިޔާއަށް އަރާފާނެކަމުގެ ބިރު އެބައޮތެވެ.
    ސޯލިހުބުނި ރާއްޖޭގެ ހުރިހާ ރަށެއްގާ މިހާރު ތަރައްގީގެ ހުރިހާ މަޝްރޫއު ތަކެއްދަނީ ކުރަމުންނޭ. އެހެންވީމާ ދެން ކުރިއަށްއޮތް އަހަރު އިތުރު އެއްވެސް މަސައްކަތެއް ނުފަށާ މިހާރު ހުރި މަސައްކަތްތައް ނިންމަލަންވީނޫންތޯ؟ އޭރުން މަޝްރޫއުތަކަށްދާ 14 ބިލިއަންރުފިޔާ ބަޖެޓުން ކަނޑާލީމާ ބަޖެޓްދަރަންޏަށް އެއަރާ 14 މިލިއަން ރުފިޔާ ސަލާމަތްވެ ބަޖެޓް ހަމަހަމަވީނޫންތޯ؟ އޭރުން ބަޖެޓް ދަރަނިނުވާ ފުރަތަމަ ރައީސެއްގެ ލަގަބުވެސް ސޯލިހަށްލިބުނީ.