ރާއްޖެ ނޫން އެހެން އެއްވެސް ގައުމެއްގައި އެކްޓިވޭޓްކޮށްފައި ހުންނަ ސިމް ނުވިއްކާ ކަމަށާއި އެކަމަކު، ރާއްޖޭގައި ސިމް ވިއްކަނީ ސަނާމުގު ވިއްކާހެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އެކި ނަންބަރުތައް ބޭނުންކޮށްގެން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައަކީ ފަހަކަށް އައިސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެ މައްސަލަ ހައްލު ކުރުމަށް މިހާރު ވަނީ އެކްޓިވޭޓް ކޮށްފައި ހުންނަ ސިމްތައް ވިއްކުން ހުއްޓާލާ، ސިމް ދޫކުރުމުގެ އުސޫލު ހަރުދަނާ ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

އެކަމާއި ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ ސިމަކީ މި ޒަމާނުގައި ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އެ ގެއްލޭ ހިސާބުން އެކައުންޓުގައި ހުރި ލާރިކޮޅު ވެސް ގެއްލިގެން ދިޔައީ ކަމަށެވެ.

"ސިމް ވިއްކަނީ ސަނާމުގު ވިއްކާހެން" އޭނާ ވިދާޅުވިއެވެ.

"ކޮން ތަނެއްގައި ތޯ އެކްޓިވްކޮށްފައި ހުންނަ ސިމް ވިއްކަނީ؟ އަޅުގަނޑު ފެށުނީއްސުރެ ތަކުރާރުކޮށް މި މަޖިލީހުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އާއި އެންމެ ފަހުން ގޮސް މިނިސްޓަރެއް ވެސް މިތަނުން އިސްތިއުފާދީފައި ވަޑައިގަތީ އަދިވެސް ރަނގަޅު ނުކޮށް އޮއްވާ މިހާރު އެކައުންޓުތަކުން ވައްކަން ކުރާ ވާހަކައާއި، ބޭންކް އެކައުންޓުން ފައިސާ ގެއްލޭ ވާހަކައާއި.."

ބޮންޑޭ ވިދާޅުވީ ސިމަކީ އެހާ މުހިއްމު އެއްޗަކަށް ވާއިރު، އެ ވިއްކުމުގެ އުސޫލު ހަރުދަނާ ގޮތެއްގައި އޮންނަން ޖެހޭނެ ކަމަށެވެ.

މީހުންނަށް ގުޅައި ފޯންކޮށްގެން އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މައްސަލާގައި ފުލުހުން ވަނީ، މޮބައިލް ސިމް ވިއްކުން ހަރުކަށިކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އަދި، އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިނުވާ ނަންބަރުތައް 24 ގަޑިއިރު ތެރޭގައި ބްލޮކް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.