ބ. އަތޮޅު ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

1390 މީހުންގެ އާބާދީގެ ކެންދޫއަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަ ލުކުރަމުން އައިސްފައިވާ ރަށެކެވެ. އަދި ކެންދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި މަސްވެރިކަމުން ނުވަތަ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ.

ބިމުގެ ބޮޑުމިނުގައި 9.17 ހެކްޓަރު ހުންނަ އެ ރަށުން ރަށްގިރުމުގެ ސަބަބުން ވަށައިގެން އެތަކެއް ގެއްލުމެއް
ލިބިފައިވެއެވެ. އެގޮތުން އެތައް ރުއްގަހެއްވެސް ވެއްޓި ނެތިގެން ގޮސްފައިވެއެވެ. އަދި އިރުއުތުރު ފަރާތުން ގާތްގަނޑަކަށް 20 ފޫޓައްވުރެ ބޮޑު ސަރަހައްދެއް ގިރައިގެން ދިޔުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެވަޅުތަކުންވެސް ވަނީ ފަސްގަނޑު ގިރައިގެން ގޮސްފައެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމަށް އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށިއެވެ.

އެމްޓީސީސީއިން ބުނީ ކެންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ސަބަބުން މުޅި ކެންދޫ ގޮންޑުދޮށް
އެއްކޮށްހެން ވަނީ ރަށް ގިރުމުން ހިމާޔަތްކޮށްފައި ކަމަށެވެ.

މިއީ އެ ރަށުގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބިގެން ދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ޖުމްލަ 803 މީޓަރުގެ 17 ބްރޭކްވޯޓާ ގާއިމު ކުރުމާއި ޖުމްލަ 90 މީޓަރުގެ ދެ ގްރޮއިން ވަނީ ގާއިމް ކޮށްފައެވެ.

އަދި 80 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖަހައި، 40 މީޓަރު 20 މީޓަރު ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކޮށްފައިވާާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއީ 39.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުމަ.

    މީ އަމާބުނީތީ ފަރައްގޮއްސަ.